14 Oct 2014, 15:28
ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކޮށްދިނުމަށް ލަންކާ ސަރުކާރުން އެހީވެ ދިނުމަށް ނިންމާފައިވާ ކަމަށް ހެލްތު ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް ވިދާޅުވީ، ދާދިފަހުން ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ލަންކާގެ ހެލްތު މިނިސްޓަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރާ އެމަނިކުފާނު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، ލަންކާއިން ބައެއް ޑޮކްޓަރުން ރާއްޖެ ފޮނުވައިދިނުމަށްވެސް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ޑޮކްޓަރުން ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. ހަމަ އެހެންމެ ނަރުހުން ތަމްރީން ކުރުމަށް ލަންކާއިން ދީފައިވާ ފުރުސަތުގައި 20 ނަރުހުން ތަމްރީން ކުރުމަށް ހަމަ ޖެހިފައިވާ ކަމަށާއި ކޯހަށް ކުރިމަތި ލުމުގެ ފުރުސަތު ވަރަށް އަވަށް ހުޅުވާލާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
" [ ބެޗްލާސް އޮފް މެޑިސިން، ބެޗްލާސް އޮފް ސާޖަރީ] އެމްބީބީއެސް ފެންވަރުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުމަށް ފުރުސަތުތައް ލިބިގެންދިޔަ. ހަމަ އެއާއެކު ނަރުހުން ތަމްރީން ކުރުމަށްޓަކައި ސިލޯނުން ފުރުސަތުތަކެއް ލިބުނު. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ނާސިންއަށް 20 ކުދިން ތަމްރީން ކުރުމަށްޓަކައި އަޅުގަނޑުމެން އިއުލާން ކުރާނަން. މި ތަމްރީން ތަކަކީ އެތަނުގެ އެކުވެރި ހޮސްޕިޓަލުތަކުންނާއި އެތަނުގެ ސަރުކާރުން ދޭ ފުރުސަތުތައް. މި ފުރުސަތުތަކަށް އެ ދަރިވަރުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ. އެ ހަރަދުތައް ކުރެވިގެންދާނީ މި ސަރުކާރުގެ އެހީގައާއި ސިލޯން ސަރުކާރުގެ އެހީގައި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ސާމާނު ހޯދުމަށް އެސްޓިއޯ އާ ހަވާލުކޮށްފައިވާއިރު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ސިއްހީ ހިދުމަތްދޭ ސާމާނު ހަމަ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ އާލާތައް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން. މި ތަކެތި ހޯދުމަށް ހަވާލު ކުރެވިފައި މިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އާ. އަޅުގަނޑަށް އިއްޔެ އެ ބޭފުޅުން މައުލޫމާތު ދީފައި މިވަނީ އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރައްހައްދަކަަށް ވެސް ބޭނުންވާ ހުރިހާ އިކްއިޕްމަންޓެއް އަޅުގަނޑުމެނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް. މިއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ހާސިލް ކުރެވޭނެ ވަރަށް ބޮޑު ލަނޑުދަނޑިއެއް ކަމުގައި ދަންނަވަން،" ނާޒިމް ވިދާޅުވި އެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ އެމްބިއުލަންސް ހޯދުމަށްވެސް އެސްޓިއޯ އާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދެތިން މަސްތެރޭގައި އެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.