އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކުށް ކުރުން އެންމެ ގިނަ އެއް ގައުމެވެ. އެކި އެކި ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާދިނުމުގެ ހާދިސާތައް ކޮންމެ ދުވަހަކު ވެސް އެގައުމުގައި ހިނގަ އެވެ. ނަމަވެސް އެގައުމުގެ އެންމެ މަޝްހޫރު އެއް ސިޓީ ކަމަށްވާ ލޮސް އެންޖަލިސްގެ ފުލުހުންނަށް މިފަހަރު ހޯދަން ޖެހިގެން އުޅެނީ މުޅިން އާ ވަށްތަރެއްގެ ކުށެއް ކުރި ކުށްވެރިއެކެވެ.

ޕިޓްބުލް މިކްސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ ކުއްތާއަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މީހާ ހޯދަން ފުލުހުން ނިކުތީ ގެއްތޯ ރެސްކިއު ފައުންޑޭޝަން ކިޔާ ޖަމާއަތަކުން ޕިޓްބުލް ގެންގޮސް އެއަށް ފަރުވާ ދީ އެކަން ރިޕޯޓްކުރުމުންނެވެ. އެ އެއްޗަށް ލިބިފައިވާ ޒަހަމްތައް ބޮޑު ކަމުން ފާރުގަނޑުތައް ފެހުމަށް ދެގަޑިއިރު ހޭދަވި އެވެ. އެޖަމާއަތުން ބުނި ކަމަށް ނިއުޔޯކް ޑެއިލީ ނިއުސްގެ ހަބަރުގައި ވަނީ އެ އެއްޗަށް އެވަރު ބޮޑު އަނިޔާއެއް ވުމުން އެހީތެރިވާން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ލޮސް އެންޖަލިސް ފުލުހުންގެ ސާޖަންޓް ސާމީ ބައުމާން ބުނެފައިވާ ގޮތުގައި ފުލުހުންގެ ހިދުމަތުގައި އޭނާ ހޭދަކުރި 21 އަހަރު ތެރޭގައި ވެސް އެފަދަ ކަމެއް ދެކެފައި ނުވާ ކަމަށެވެ.

"... ވަރަށް ގިނަ ގޮތް ގޮތުން މިއީ ވަރަށް ސީރިއަސް ކަމެއް. އަހަރެން ޕޮލިސް ޑިޕާޓްމެންޓްގައި ހޭދަކުރި 21 އަހަރު ތެރޭގައި މީހަކު ކުއްތާއެއް މިގޮތަށް ކަފާފައި ވަނިކޮށް ނުދެކެން،" އޭނާ ބުނެފައިވެ އެވެ.

ޕިޓްބުލް މިކްސްއަށް ދީފައިވާ ގެއްލުންތަކަށް ބަލާ އިރު އެއަށް ހަމަލާދިން މީހާ މަސައްކަތްކޮށްފައި ވަނީ އޭގެ ކަރު ބުރިކޮށްލަން ކަމަށް ބެލެވެ އެވެ. ނަމަވެސް އަވަހަށް ފަރުވާ ދެވުމުން އޭތި ވަނީ ސަލާމަތް ވެފަ އެވެ. ޒަހަމްތައް ފަހައި، ބޭސް އެޅުމަށް ފަހު މިހާރު އޭތި ބާއްވާފައި އޮތީ އެފަދަ ޖަނަވާރު ގެންގުޅޭ ގެއެއްގަ އެވެ. މީހުންނާ ރަށްޓެހި އެކުއްތާ މީހުންނާ ސަމާސާ ކުރުން އަދިވެސް ހުއްޓައެއް ނުލަ އެވެ.