ތުރުކީގައި ޣައިރުގާނޫނީ ކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ހަނގުރާމަވެރިންގެ މަގާމުތަކަށް ތުރުކީ ސިފައިން ބޮން އަޅައިފި އެވެ.

ތުރުކީ ސިފައިން ކުރުދީންގެ މަގާމުތަކަށް ބޮން އެޅީ ތުރުކީ ސިފައިންނަށް އެމީހުން އިސްވެ އެތައް ފަހަރަކު ހަމަލާ ދިނުމުން ކަމަށް ތުރުކީގެ ހުއްރިއްޔަތު ޑެއިލީ އިން ބުންޏެވެ.

ހަނގުރާމަ ހުއްޓައިލުމަށް ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކުރުދީ ހަނގުރާމަވެރިން ތުރުކީ ސިފައިންނަށް ހަމަލާދޭން ފެށީ ސޫރިޔާގައިވާ ކުރުދީންގެ ރަށެއް ހިފުމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކުރާ ހަނގުރާމައަށް ތުރުކީން ހުރަސް ނޭޅުމުން އެކަމާ ނުރުހިގެންނެވެ.

ތުރުކީއާއި ސޫރިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ކޮބާނީ ނަމަކަށް ކިޔާ ރަށަށް އައިއެސް އިން ހަމަލާ ދޭން ފެށުމާ އެކު އެކަމަށް ތުރުކީން ހުރަސް އެޅުމަށް ގޮވައިލާ ކުރުދީން ވަނީ ތުރުކީގައި މުޒާހަރާތައް ކުރަން ފަށާފަ އެވެ. އަދި އެމުޒާހަރާތުގައި ހަމަނުޖެހުންތައް ހިންގައި ތަންތާ ހުޅުޖެހުން ފަދަ އަމަލުތައް ކުރުދީން ވަނީ ހިންގާފަ އެވެ. އެ ހަމަނުޖެހުންތަކުގައި 37 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވި އެވެ.

ކޮބާނީގެ ގާތްގަނޑަކަށް 50 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރަމުން އަންނަނީ އައިއެސް އިން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެރަށަށް އައިއެސް އިން ހަމަލާދޭން ފެށިފަހުން 180،000 އަށް ވުރެ ގިނަ ކުރުދީން ވަނީ ރެފިއުޖީންގެ ގޮތުގައި ތުރުކީއަށް ގޮސްފައެވެ. އެ އެންމެންނަށް ވެސް ތުރުކީ ސަރުކާރުން ވަނީ އެގައުމަށް ވަނުމުގެ ފުރުސަތުދީފަ އެވެ.