14 Oct 2014, 15:11
ހުޅަނގު އެފްރިކާގެ ބައެއް ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ބަލިން ރައްކާތެރިވުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި "ތާމަލް ކެމެރާ" ހަރުކޮށްފި އެވެ.
އެއާޕޯޓުގެ އެރައިވަލްސް ޓާމިނަލްގައި އިމިގްރޭޝަންގެ އޮފިސަރުން މަސައްކަތް ކުރާ ކައުންޓަރުތަކުގެ ކުރިމައްޗަށް ވާގޮތަށް މިއަދު ވަނީ ތިން ތާމަލް ކެމެރާއެއް ހަރުކޮށް، ސްކްރީން ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ޕަސެންޖަރުން ޕާސްޕޯޓު ކިޔުގައި ހުންނައިރު އެމީހަކު ދާނީ ސްކްރީން ކުރެވެމުންނެވެ. އަދި އެހެންކަމުން ރާއްޖެއަށް އެއްވެސް މީހަކަށް ވައިގެ މަގުން އެތެރެވެވޭނީ ސްކްރީން ކުރެވިގެންނެވެ.

ތާމަލް ކެމެރާގެ ޖަރިއްޔާއިން ހަށިގަނޑައި ހުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް އިމިގްރޭޝަންގެ އޮފިސަރަކު ކުރަނީ--- ސަން ފޮޓޯ: ފަޔާޒް މޫސާ
ޒަމާނީ ޓެކްނޮލޮޖީން އުފައްދާފައިވާ އެ ކެމެރާތަކުން މީހާ ހުންނަ ތަން ދެނެގަނެ ލޭޒާ ޕޮއިންޓަރެއްގެ އެހީގައި އެމީހާގެ ހަށިގަނޑަށް "އައިއާރު ވޭވްސް"ތަކެއް ފޮނުވާނެ އެވެ. އަދި އެ ވޭވްސްތަކުގެ އެހީގައި މީހާގެ ޓެމްޕަރޭޗާ ހުރިވަރު ދެނެގަނެ ސްކްރީނަކުން ދައްކަމުންދާނެ އެވެ.
އެއްވެސް ބައްޔަކާ ގުޅިގެން ހަށިގަނޑު ހޫނުވެ ހުން ހުރި މީހެއް ނަމަ އޭނާ ދައްކައިދޭނީ ރަތް ކުލައިންނެވެ. އެގޮތުން ކެމެރާ އަށް އަރާ ސަރަހައްދެއްގައި ހުރި މީހެއް ނަމަ ސްކްރީން ކުރަމުންދާނެ އެވެ.

ހަށިގަނޑުގައި ހުން ހުރި މީހުން ދެނެގަތުމަށްޓަކައި އެއާޕޯޓުގައި ހަރުކޮސްފައިވާ "ތާމަލް ކެމެރާ"--- ސަން ފޮޓޯ: ފަޔާޒު މޫސާ
އެބޯލާއަށް ސްކްރީން ކުރުމަށް އެއާޕޯޓުގައި ހުރި ވަސީލަތްތައް ދައްކާލުމަށް މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަމީލާ ވިދާޅުވީ ހުން ހުރި މީހެއް ނަމަ ބަލި މީހުން ބައިތިއްބަން އެއާޕޯޓުގައި ހުންނަ ހާއްސަ ސަރަހައްދަކަށް އެ މީހަކު ގެންގޮސް ޑޮކްޓަރަކު އޭނާ ބަލާނެ ކަމަށެވެ.
އެބޯލާގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވާ ހުޅަނގު އެފްރިކާގެ ތިން ގައުމު ކަމަށްވާ ލައިބީރިއާ އާއި ގިނީއާއި ސިއެރަލިއޯން އިން ރާއްޖެއަށް މީހުން އައުމާއި އެ ގައުމުތަކަށް ރާއްޖޭން މީހުން ގޮސް އުޅުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.