14 Oct 2014, 15:08
ނިއުދިއްލީ (އޮކްޓޯބަރު 13) - އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ އަށް ތަކުރާރުކޮށް ތައުރީފު ކުރަމުންދާތީ އިދިކޮޅު ޕާޓީގެ ތަރުޖަމާނުގެ މަގާމުން ޝަޝީ ތަރޫރު ވަކިކޮށްފި އެވެ.
ކޮންގްރެސް ޕާޓީ ބަދުނާމުކޮށް އަދި ބޭކާރު ގޮތުގައި މޯދީ އަށް ތައުރީފު ކުރަމުންދާތީ ސޯނިޔާ ގާނދީ ވަނީ ތަރޫރު ވަކިކުރަން ޕާޓީން ނިންމި ނިންމުން ގަބޫލު ކުރައްވައި އެކަން އޭނާ އަށް އަންގަވައިފަ އެވެ.
ކެރެލާ ސްޓޭޓް، ޕާލަމެންޓްގައި ތަމްޝީލު ކުރައްވާ، ތަރޫރު ވަނީ ބޮޑު ވަޒީރު މޯދީ، މަހާތުމާ ގާނދީގެ އުފަންދުވަހު، އޮކްޓޫބަރު މަހު 2 ވަނަ ދުވަހު ފެެއްޓި ކްލީން އިންޑިއާ މަޝްރޫއު އަށް ތައުރީފު ކުރައްވައިފަ އެވެ.
ވެރިކަން ކުރާ ބީޖޭޕީ އިން ބުނީ ބޮޑު ވަޒީރު ރަނގަޅު ކަމެއް ކުރައްވައިފި ނަމަ އެކަމަށް ތައުރީފު ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ކޮންގްރެސް އަށް އެކަން ނޭނގޭ ކަމަށާއި އެއީ ކޮންގްރެސް އިން ދަސްކުރަން ޖެހޭ ފިލާވަޅެއް ކަމަށެވެ.
ތަރޫރު ވިދާޅީ އޭނާ އަކީ ބޮޑު ވަޒީރު މޯދީ ނުވަތަ ބީޖޭޕީގެ ސަޕޯޓަރެއް ނޫން ކަމަށެވެ. އަދި ކޮންގްރެސްގެ ތަރުޖަމާންގެ މަގާމުން ވަކި ކުރި ނަމަވެސް އޭނާ ހުންނާނީ ޕާޓީ އަށް ވަފާތެރި މީހެއްގެ ގޮތުގައި ކަމަށެވެ.