14 Oct 2014, 14:11
ސްނެޕްޗެޓް މެދުވެރިކޮށް ފޮނުވާ ފައިލް ތަކަކީ ކުޑައިރުކޮޅެއްގެ ތެރޭގައި ފުހެވިގެންދާ އެއްޗެއްސެވެ. އެހެން ނަމަވެސް ސްނެޕްޗެޓް މެދުވެރިކޮށް ފޮނުވާފައި ހުރި 13 ޖީބީގެ ފައިލްތަކެއް އެތައް އަހަރުތަކެއް ވާންދެން ހެކަރުން އެއްކުރަމުން ގޮސް އެންމެ ފަހުން ލީކުކޮށްލައިފައިވާ ކަމަށް ބިޒްނަސް އިންސައިޑާ އިން ރިޕޯޓްކޮށްފި އެވެ.
ލީކުކޮށްލި ފޮޓޯ ތަކުގެ އަދަދު މަދުވެގެން އެއް ލައްކަ އަށް އަރާނެ ކަމަށްވެ އެވެ.
ސްނެޕް ޗެޓް މެދުވެރިކޮށް ފޮނުވާފައި ހުރި މި ފައިލްތައް ވަނީ ވައިރަލް ޕޮޕް ޑޮޓް ކޮމް ކިޔާ ފޭކް ވެބްސައިޓެއްގައި ޝާއިއު ކޮށްފައެވެ. އަދި މި ވެބްސައިޓަށް ވަދެ ފޮޓޯތައް ޑައުންލޯޑް ކުރަން މަސައްކަތްކުރާ ފަރާތްތަކަށް އެމީހުން އިތުރު ވައިރަސްތަކެއް ފޮނުވާލައެވެ. މި ވެބްސައިޓް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެހެން ނަމަވެސް ބަންދުކުރުމުގެ ކުރިން އެތައް ބަޔަކު ވަނީ މި ފޮޓޯތައް ބަލައިފައެވެ. ލީކުކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި ގިނައިން ހުރީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯތައް ކަމަށް ބިޒިނަސް އިންސައިޑާއާ ހަވާލާދީ ފޮކްސް ނިއުސް އިން ބުނެ އެވެ.
ސްނެޕް ޗެޓް ބޭނުންކުރާ ފަރާތްތަކުގެ ތެރޭގައި ދެބައިކުޅަ އެއްބަޔަކީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ.
ސްނެޕްޗެޓުން ވަނީ ފޮޓޯތަކެއް ލީކުވެފައިވާ ކަމަށް އެއްބަސްވެފަ އެވެ. އެހެން ނަމަވެސް ފޮޓޯތައް ލީކުވީ އެމީހުންގެ ވެބްސައިޓްގެ ސާވާ މެދުވެރިކޮށް ކަމާ މެދު ސްނެޕްޗެޓުން ވަނީ ދެކޮޅު ހަދާފައެވެ.
މީގެ ކުރީން ވެސް ސްނެޕްޗެޓަށް ވަނީ މިފަދަ މައްސަލަތަކެއް ކުރިމަތި ވެފައެވެ. އެގޮތުން މިދިޔަ އަހަރު ވެސް 4.6 މިލިއަން މީހުންގެ ނަންބަރުތައް މި އެޕްލިކޭޝަން މެދުވެރިކޮށް އިންޓަނެޓުގައި ވަނީ ލީކުކޮށްލައިފަ އެވެ.