ރާއްޖޭގައި ކިޔަވާ ކޮންމެ ދިވެހި ކުއްޖަކަށް ޕްރީ ސްކޫލްގެ ތައުލީމާއި މެދު މަދަރުސީ ތައުލީމާއި ސާނަވީ ތައުލީމު ދައުލަތުން ހިލޭ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ކަނޑައެޅުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަންފުށީ ދާއިރާގެ މެމްބަރު، ޖަމީލު އުސްމާނު ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހު ފާސްކޮށްފައި ވަނީ 52 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައިނުވާ އިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ "ރާއްޖޭގެ އިގުތިސާދާއި ސަރުކާރުގެ ކެރިފޯރުންތެރިކަން ތަންދިން މިންވަރަށް ރާއްޖޭގެ ކުޑަކުދިންގެ ތައުލީމާއި ތަރުބިއްޔަތާއި ބެހޭ ކަންތައްތައް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ކުރިއަށް ގެންދަން ވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދީނީ ގޮތުން އެނގުން ލާޒިމްވާ މިންވަރު ކޮންމެ ކުއްޖަކަށް ވެސް އުނގެނެވޭނެ ގޮތް ހަމަޖައްސަދޭން ވާނެ އެވެ." މިހެންނެވެ.

އެ މާއްދާ ބަދަލުކުރުމަށް މަޖިލީހުން މިއަދު ފާސްކުރި ބިލްގައި ވަނީ "ދިވެހި ރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް ވެސް ޕްރީ ސްކޫލް ތައުލީމާއި ފަށާ ތައުލީމާއި މެދު މަދަރުސީ ތައުލީމާއި އަދި ސާނަވީ ތައުލީމާއި ތަރުބިއްޔަތާއި ބެހޭ ކަންތައް އުނގަންނަ ދިނުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި އަދި އެކުދިން ބޭނުންވާ ތަރުބިއްޔަތާއި ތައުލީމް ފޯރުކޮށްދިނުމަކީ މައިންބަފައިންގެ މައްޗަށް ވެސް ލާޒިމް ކަމެކެވެ. އަދި ޕްރީ ސްކޫލް ތައުލީމާއި މެދު މަދަރުސީ ތައުލީމާއި އަދި ސާނަވީ ތައުލީމް ދިވެހި ރާއްޖޭގައި އުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ދައުލަތުން ހިލޭ ފޯރުކޮށްދޭން ވާނެ،" ކަމަށެވެ.

އޭގެ އިތުރުން ކުޑަކުދިން ކުޅެ މުނިފޫހިފިލުވުމަށް ނިކުމެއުޅޭ ތަންނާއި ވަސީލަތައް މީހުން ދިރިއުޅޭ އެކަށޭނެ މިންވަރަށް ދައުލަތުން ފޯރުކޮށްދޭން ވާނެ ކަމަށް މިއަދު ފާސްކުރި އިސްލާހްގައި ބުނެފައިވެ އެވެ. މިހާރު އަމަލު ކުރަމުންދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ކުޑަކުދިން ކުޅެން މުނިފޫހިފިލުވުމަށް ނިކުމެއުޅޭ ތަންނާއި ވަސީލަތައް އެވަގުތު ތައްޔާރުކުރެވެން ހުރި މިންވަރަކަށް ތައްޔާރުކޮށްދޭން ވާނެ ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަކީ 1991 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ ގާނުނެކެވެ.