މޯލްޑިވްސް އެއާޕޯޓުސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެކުންފުނީގެ 40 މުއައްޒަފެއްގެ މުސާރަ ކަނޑައެޅުމުގައި ތަފާތުކުރުންތަކެއް ގެންގުޅިފައިވާތީ އަސާސީ މުސާރައިގެ ތިން މަސް ދުވަހުގެ މުސާރަ އެ ހުރިހާ މުވައްޒަފުންނަށް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

އެމްއޭސީއެލްގެ 40 މުވައްޒަފަކު ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ޓްރައިބިއުނަލުން އިއްޔެ ނިންނި ނިންމުމުގައި ވަނީ އަސާސީ މުސާރަ ކަނޑައެޅުމުގައި ވާޒީފާއާ ބެހޭ ގާނޫނުގައި މަނާކުރާފަދަ ތަފާތުކުރުންތަކެއް ގެންގުޅެފައިވާކަން އެކުންފުނީގެ ބަހުން ސާބިތުވާކަމަށެވެ.

އެހެންކަމުން މައްސަލަ ހުށަހެޅި އެކުންފުނީގެ މުވައްޒަފުންގެ އަސާސީ މުސާރައިގައި ހުރި ރަފާތުތައް 30 ދުވަހުގެ ތެރޭގައި ހައްލުކުރުމަށް ޓްރައިބިއުނަލް އިން ވަނީ އެކުންފުންޏަށް އަންގާފައެވެ.

އަސާސީ މުސާރައިގެ ތަފާތުކުރުންތައް ގެންގުޅެފައިވާތީ އެ މައްސަލަ ހުށަހެޅި އިރު އެ މުވައްޒަފުންނަށް ލިބެމުންދިޔަ މުސާރައިގެ ތިން މަސް ދުވަހުގެ މުސާރައަށްވާ ފައިސާ ބަދަލުގެ ގޮތުގައި ދިނުމުގެ ގޮތުން 15 ދުވަހުގެ ތެރޭގައި އެކީއެއްފަހަރާ އެފައިސާ އެ މުވައްޒަފުންނަށް ދިނުމަށްފަހު، ހަތް ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ވަނީ އަމުރުކޮށްފައެވެ.

އަސާސީ މުސާރައިގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ސާބިތުވިނަމަވެސް އެ މުވައްޒަފުން އެދުނު އެހެނިހެން ކަންކަން އެދިފައިވާ ގޮތަށް ނިންމެން ނެތް ކަމަށް ވެސް ޓްރައިބިއުނަލްގެ ނިންމުމުގައި ވެއެވެ.

އެ މީހުންނަށް ހައްގުވާ ވަޒީފާގެ ކުރިއެރުމާއި ލިބެމުންދާ މާލީ ގެއްލުމުގެ އަދުލުވެރި ބަދަލު މިހިނދުން މިހިދަށް ލިބިދިނުމަށް އަމުރުކޮށްދިނުމަށް އެ މުވައްޒަފުން އެދުނުނަމަވެސް، ރޭޓިންގް ފައިސާ އާއި ބޯނަސް ފައިސާއަށް ކުންފުނީގައި ހަމަޖެހިފައިވާ އުސޫލުގެމަތިން ބަދަލުގެނައުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވާ ކަމަށް އެ ނިންމުމުގައި ވެއެވެ.

އެ ނިންމުމުގައި ވަނީ ވަޒީފާގެ އެއްބަސްވުމުގައިވާގޮތުގެމަތިން އެ މީހުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލުގެނެސްފައި ވަނީ ނޯޓިސްދީފައި ކަމަށެވެ.

އެއްވެސް މުވައްޒަފަކު ލައްވައި މަޖުބޫރުން މަސައްކަތް ކުރުވާފައި ނުވާކަމަށާއި ކުންފުނީގެ ގަވާއިދުތަކާ އެއްގޮތަށް މަގާމުތަކަށް ބޭނުންވާ ތަމްރީނު ދެމުންގެންދާ ކަން އެމްއޭސީއެލްގެ ވާހަކަތަކުންނާއި އެ މުވައްޒަފުން ހުށަހެޅި ލިޔުންތަކުން ސާބިތުވާ ކަމަށް ވެސް ޓްރައިބިއުނަލްގެ ނިންމުމުގައި ވެއެވެ.