24 Jan 2011, 07:46
ލަންޑަން : ވަޒީފާއަށް ސަލާމް ބުނުމުގައި ފިރިހެނުންނަށްވުރެ އަންހެނުން މާކުރީގައި އުޅޭ ކަމާއި ބަލިނުވިޔަސް ބަލިކަމަށް ބުނެ ސަލާމުގެ ދުވަސްތަކުގެ ބޭނުން ހިފުމުގެ އާދަ އަންހެނުންގެ ކިބައިގައި މާބޮޑުކަން ދިރާސާއަކުން ހާމަވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ސޮވެރިން މެޑިކަލް ސެންޓަރު ނަމަކަށްކިޔާ ދިރާސާ މަރުކަޒަކުން 1360 މީހުން ހިމަނައިގެން ކުރި ދިރާސާއަކުން ހާމަވިގޮތުގައި މީގެތެރޭގައި ހިމެނޭ އަންހެނުންގެ 56 ޕަސެންޓް މީހުންވަނީ ބަލިނުވެ ނަމަވެސް ބަލިކަމަށްބުނެ ވަޒީފާއަށް ސަލާމް ބުނެފައެވެ. ނަމަވެސް ބަލިނުވެ ބަލިކަމަށްބުނެ ދޮގު ހަދައިގެން ވަޒީފާއަށް ސަލާމް ބުނެފައިވަނީ މި 1360 މީހުންގެ ތެރެއިން 33 ޕަސެންޓް ފިރިހެނުންނެވެ. އަދި އަންހެނުން ވަޒީފާއަށް ސަލާމް ބުނުމުން އެއީ ޙަޤީޤަތެއް ކަމަށް ޤަބޫލުކުރުމަށް ދެކޮޅު ހަދަނީވެސް ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން ކަންވެސް މިސާވޭން ހާމަވެފައި ވެއެވެ.
މިސާވޭގައި ބައިވެރިވި ދެޖިންސްގެ މީހުންގެ ނަޒަރުގައިވެސް ވަޒީފާއަށް ސަލާމް ބުނުމަށް ނުވަތަ ބައެއް ދުވަސްތަކުގައި އޮފީހަށް ނުނުކުތުމަށް ފިރިހެން މުވައްޒަފުންނާ އަޅާބަލާއިރު އަންހެން މުވައްޒަފުން މާގިނައިން އުޒުރު ދައްކައެވެ. މިގޮތަށް އަންހެން މުވައްޒަފުން ދައްކާ އުޒުރުތަކުގެ ތެރޭގައި ބޮލުގައި ރިއްސުންފަދަ ބަލިތަކުގެ އިތުރުން ގޭގެ ތަޅުދަނޑިގެއްލުން، ގަޑިޖެހުމުން އޮފީހަށް އައުމަށް ލަދުގަތުން، ދަތުރުކުރާ ބަސް ލަސްވުން، ޓެކްސީއެއް ނުލިބުން ފަދަ ކަންކަން ހިމެނޭކަންވެސް މިސަރވޭން ހާމަވެފައިވެއެވެ. -- ރޮއިޓާސް