މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރައްވާ ހަތަރު މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ޖާގަ ހުސްވެފައި ވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މަގާމަށް އެދި ހުށައަޅާ ފަރާތްތަކުން ވިޔަފާރީގެ ނުވަތަ އިގްތިސާދީ ރޮނގުން ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވާ ބޭފުޅަކަށްވާންޖެހެ އެވެ. އަދި މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެން ޖެހެ އެވެ.

އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ބޭފުޅެއް ކަމުގައި ވެގެންނުވާނެ ކަމަށް ވެސް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ މަގާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ބޭފުޅުން 27 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް އިން ނުވަތަ ފެކްސް އިން އެއޮފީހަށް އެކަން އެންގުމަށް އެ އޮފީހުން އެދެ އެވެ.

މިބޯޑުގެ ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރައްވާ މެންބަރުން ޢައްޔަން ކުރައްވަނީ، އެކަމަށް ޓަކައި އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ހޮވާ އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރެއްވުމަށް ފަހު ހުށަހަޅުއްވާ ނަންތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެވެ.