14 Oct 2014, 13:08
ރ. މަޑުއްވަރީގެ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދިނުމަށާއި އެރަށުގައި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްދިނުމަށް އެދި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މަޑުއްވަރީގެ 632 މީހަކު ސޮއިކޮށް ރައީސް އޮފީހަށާއި އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ވަނީ އެ ޕެޓިޝަން ހުށަހަޅާފައެވެ.
އެ ޕެޓިޝަންގައި ވަނީ މަޑުއްވަރީ އަކީ 2274 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށް ވާއިރު އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުމުގެ މައްސަލަ ކަމަށެވެ. އަދި 2008 ވަނަ އަހަރު ރަށުގެ ބޮޑުބައެއް ގިރުމުގެ ސަބަބުން ބައެއް ރައްޔިތުންގެ ގެތައް ހަލާކުވެގެންދިޔަ ކަމަށް އެ ޕެޓިޝަންގައި ވެއެވެ.
އެ ރަށުގައި ނަރުދަމާގެ ނިޒާމެއް ގާއިމްކުރެވިފައި ނެތުމުން ބިމަށް ނަޖިސް ހިންދާލަމުންދާތީ ފެންފަށަލަ ނަޖިސްވެ ރައްޔިތުން ބޭނުންކުރަން ޖެހިފައި ވަނީ ނަޖިސްފެން ކަމަށް ވެސް އެ ޕެޓިޝަންގައި ވެއެވެ.
އެ ޕެޓިޝަންގައި ވަނީ އެރަށުގައި ބޮޑުހިލަ ޖެހުމުގެ މަޝްރޫއު މިދިޔަ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހު އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ފައްޓަވައިދެއްވިނަމަވެސް މިހާތަނަށް އެކަމުގެ އަމަލީ މަސައްފެށިފައިނުވާ ކަމަށެވެ.
އެރަށަކީ އުދައަރާ ރަށަކަށްވާތީ އެކަން ހައްލުކޮށްދިނުމަށް ރަށުގައި ބޭރު ތޮއްޓެއްލުމަށް ރަށު ބޭރުގައި ބޮޑުހިލަ ޖަހައިދިނުމަށް ރައްޔިތުން އެދޭކަމަށް ވެސް އެ ޕެޓިޝަންގައި ވެއެވެ. މިހާރު އެރަށުގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކަކީ ރައްޔިތުން އެއްވެސް ގޮތަކަށް ހިތްހަމަޖެހޭ މަޝްރޫއުތަކެއް ނޫން ކަމަށާއި ރައްޔިތުން އެދޭގޮތަށް އެ މަޝްރޫއުތައް ބަދަލުކޮށްދިނުމަށް ވެސް އެ ޕެޓިޝަންގައި އެދިފައިވެއެވެ.
ރައްޔިތުން އެދޭގޮތާ ދެކޮޅަށް އެ މަޝްރޫއުތައް ކުރިއަށްގެންދާނަމަ އެކަމާ އިހްތިޖާޖު ކުރާނެ ކަމަށް ވެސް އެ ޕެޓިޝަންގައި ވެއެވެ.