ގްރީސްގެ ވެރިރަށް އޭތެންސްގައި 2011 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާތަކުގެ ބައިވެރިވި އަދި އެ ކަމުން މަޝްހޫރުކަން ހޯދާފައިވާ ކުއްތާ "ލޫކެނިކޯސް" މަރުވެއްޖެ އެވެ.

އުމުރުން 10 އަހަރުގައި "ލޫކެނިކޯސް"މަރުވީ އެ ކުއްތާ އުޅޭ ގޭގެ ސޯފާގައި ނިދާފައި އޮއްވައި ކަމަށް ވެސް އެ ނޫހުގައިވެ އެވެ. އަދި އެ ކުއްތާ މަރުވުމުގެ ކުރިން، މުޒާހަރާތަކުގައި ފުލުހުން ޖަހާ ކަރުނަ ގޭހުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ވެސް ގްރީސްގެ އޮންލައިން ނޫހަކާ ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.

"ލޫކެނިކޯސް އޮތީ ސޯފާ މަތީގައި ނިދާފައި، ދެން ކުއްލިއަކަށް އޭތީގެ ހިތް ހުއްޓުނީ،" މަގުމަތީގައި ވެރިއަކު ނެތި އުޅުނު ލޫކެނިކޯސް ގެއަށް ގެންގޮސް ބަލަމުން އައި އެ ކުއްތާގެ ވެރި މީހާ އަކީލިއަސް ގްރީސްގެ އޮންލައިން ނޫސް، ޓަ ނިއާއަށް ބުންޏެވެ.

ބީބީސީގައި ބުނެފައިވާ ގޮތުގައި އޭތެންސްގައި ހިނގި ހަމަނުޖެހުންތަކުގައި "ލޫކެނިކޯސް"ވަނީ ރައްޔިތުންނާއި އެއްބައިވެ، މުޒާހަރާތައް ހުއްޓުވަން ތިބޭ ފުލުހުންނާ ދިމާލަށް "ވައްވަށްޖައްސައި" އަޑު ގަދަކޮށްފައި ކަމަށާއި އޭގެ ސަބަބުން އެ ކުއްތާ ވަނީ އޭތަންސްގެ ރައްޔިތުންގެ މެދުގައި މަގްބޫލުކަން ހޯދައިފަ އެވެ.

ގްރީސްގައި މަގުބޫލުކަން ހޯދި އެ ކުއްތާ ވަނީ އިނގިރޭސިވިލާތުގައި ވެސް މަޝްހޫރުވެފައި ކަމަށާއި އެގޮތުން އިނގިރޭސިވިލާތުގެ މަޖައްލާއެއް ކަމަށްވާ ޓައިމް މެގަޒިންގެ ޕާސަނޭލިޓީ ލިސްޓުގައި ވެސް "ލޫކެނިކޯސް" ހިމެނިފައިވާ ކަމަށްވެ އެވެ. "ލޫކެނިކޯސް" މަރުވުމުން އެ ކުއްތާ ވަނީ އޭތެންސްގެ މެދުގައި ހުންނަ ގަހެއް ހިޔަލުގައި ވަޅުލާފައިވާ ކަމަށް ގްރީސް ނޫހެއް ކަމަށްވާ އަވްގީ އާ ހަވާލާދީ ބީބީސީގައިވެ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ގްރީސްގެ ސަރުކާރު ދަރަނިވެރިވުމުގެ ސަބަބުން ވަނީ ސަރުކާރުގެ އެތައް ވަޒީފާއަކުން މީހުން ވަކިކޮށް، ސަރުކާރުގެ ބަޖެޓު ދެމެހެއްޓުމަށް ގިނަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެކަމާ އެގައުމުގެ ރައްޔިތުން ވަނީ މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފަ އެވެ.