ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކުރިއަށް ގެންދާ ޒޯން ފުޓްބޯޅަ މުބާރާތުގައި ހއ. އަދި ހދ. އަތޮޅު ހިމެނޭ ޒޯން އެކެއްގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަތޮޅު ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހޯދައިފި އެވެ.

ހއ އަތޮޅުގެ ޗެމްޕިއަން ދިއްދޫ ރިއަލިޓީ ސްޕޯޓްސް ކްލަބާއި ރަނަރަޕް ޓީމު ދިއްދޫ ޓީނޭޖް ސްޕޯޓްސް ކްލަބުން މުބާރާތުން ވަކި ވުމާ ގުޅިގެން ޒޯން އެކެއްގައި ކުޅެފައިވަނީ ހަމައެކަނި ފައިނަލް މެޗެވެ.

މި ފައިނަލް މެޗުން އެޓޯލް ޓޯނަމެންޓްގެ ޗެމްޕިއަންޓީމު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ މޮޅުވެފައިވަނީ ހަމަ އެ މުބާރާތުގެ ރަނަރަޕް ޓީމު ސާއްބާ އެކުވެރި ކްލަބު އަތުން 3-0 ލަނޑުން މޮޅުވެގެންނެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 35 ވަނަ މިނިޓްގައި އަސްޖައު މޫސާއެވެ. އަތޮޅު މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ސާއްބައަށް އިއްޔެ ކުޅުނު މެޗުގައި އެހާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ޒުވާނުންގެ ޖަމިއްޔާއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަތޮޅު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނޫރުﷲ ތޯހާ އެވެ. މެޗުގެ ފަހު ލަނޑު ފަހު ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި އަސްޖައު އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އަސްޖައު އެވެ.

ޒޯން އެކެއްގެ ފުޓްބޯޅަ މުބާރާތް މުބާރާތް ކާމިޔާބު ކުރި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަށް ވަނީ 5،000 ރުފިޔާ ދީފައެވެ.