ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ގެންދިޔަ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދަރުމަވަންތަ މިސްކިތުގެ "އިމާމުގެ" މައްސަލަ ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު 'ސަން' އަށް ވިދާޅުވީ އެމީހާގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން އިއްޔެ އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި އެ މައްސަލަ ޝަރީއަތަށް ހުށަހެޅޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުހުތާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ހަފްތާގެ ތެރޭގައި އެ މައްސަލަ ކޯޓަށް ފޮނުވޭތޯ،" މުހުތާޒު ވިދާޅުވިއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދާ ޚިލާފަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ނެގުމަކާ ނުލައި ވަކިން ޖަމާއަތް ހަދައިގެން ދަރުމަވަންތަ މިސްކިތުގައި އިމާމެއް ކަމަށް ހެދިގެން ހުކުރުކޮށް، ޚުޠުބާ ކިޔައި ދީނީ ގޮތުން ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރަމުންގެންދާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލާއިގެ އިތުރުން ވެސް އެމީހާއަކީ ޖިނާއީ އެކިއެކު ކުށްކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ބޭނުންކުރުމާއި ބަނގުރާ ގެންގުޅުނު މައްސަަލައެއްގެ އިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ހިމެނެ އެވެ.

އެ މައްސަލަތައް ވެސް ތަހުހީގު ނިންމައި ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.

ދަރުމަވަންތަ މިސްކިތުގައި ހުއްދަ ނުހޯދައި ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ދެ ފަހަރެއްގެ މަތިން ކޯޓުން މުއްދަތް ޖަހާފައިވާ އިރު އެމީހާ ހައްޔަރުކުރި ފަހުން ދޫކޮށްލާފައެއް ނުވެ އެވެ.