އިންޓަނެޓް ގެ ހައިބަބޮޑު ވިއުގައިގެ ހިދުމަތަށްޓަކައި ނެޓާއި ގުޅައިލެވޭ ކޮންމެ ޑިވައިސްއަކަށް ވެސް އެޑްރެހެއް ބޭނުންވެއެވެ. އެއީ ފޯނަކަށް ނޫނީ ސާވާ ނުވަތަ ކޮމްޕިއުޓަރަކަށް ނުވަތަ އެހެން އާލާތަކަށް ވިޔަސްމެއެވެ. މިސާލަކަށް ސަން.އެމްވީގެ އައިޕީ އެޑްރެހަކީ 202.1.207.114 އެވެ. ނަމަވެސް ފެބްރުއަރީ ހަތަރެއްހާ ހިސާބުގައި އިންޓަނެޓްގައި މިހާރު ބޭނުންކުރެވޭ އެޑްރެސްތައް ފަރުމާކުރެވިފައިވާ މިންގަނޑު، 'އައިޕީ ވާޝަން ހަތަރެއް' ގައި ހިމެނޭ 4,294,967,296 އެޑްރެސް ބޭނުންކޮށް ހުސްވާނެ ކަމަށް ވެއެވެ.

އަދި މިކަމާއި ގުޅިގެން، ދުނިޔޭގެ އެކި ބައްރުތަކަށް އިންޓަނެޓް ގެ ޚިދުމަތް ފޯރުކޮށްދޭ 'ބެކްބޯން އައިއެސްޕީ' އެއް ކަމަށްވާ ހަރިކޭން އިލެކްޓްރިކުން ވަނީ އެމީހުންގެ ފޭސްބުކާއި ޓްވިޓާ އެކައުންޓް މެދުވެރިކޮށް 'އައިޕީކެލިޕްސް' ގެ ނަމުގައި ކައުންޓްޑައުން އެއް ފަށައިފައެވެ.

މަޝްހޫރު ޓެކް ވެބްސައިޓް 'ޕީސީވޯލްޑް' ގެ ލިޔުންތެރިއެއްކަމަށާވާ ކްރިޝް ހެޑް ވިދާޅުވެފައިވާ ފަދައިން މީގެތެރެއިން ބައެއް އެޑްރެސްތަކަކީ އަލުން ބޭނުންކުރެވޭނޭ އެޑްރެސްތަކެއް ނަމަވެސް، އެޑްރެސްތައް 'ހުސްވުން' ކަމަށް ބުނެވެނީ ހަތަރު ބިލިޔަނެއްހައި މި އެޑްރެސްތަކުގެ ތެރެއިން ހުރިހާ އެޑްރެހެއް، ފެބްރުއަރީ ހަތަރެއްހައި ހިސާބުގައި ( މަދުވެގެން އެއްފަހަރު ނަމަވެސް ) ބޭނުންކުރެވޭނެތީ އެވެ.

ނަމަވެސް މިކަމާއިގުޅިގެން، ވައިޓޫކޭ ޙާދިސާގައި ކަންބޮޑުވެ ތެޅިފޮޅިގަތްތޮތަށް މިފަހަރު އުޅޭކަށް ނުޖެހޭނެއެވެ. ވަގުތު އޮއްވައި. އިންޓަނެޓް އިންޖިނިއަރިން ޓާސްކްފޯހުގެ ފަރާތުން މިކަމަށް ވަނީ ޙައްލު ހޯދައިފައެވެ. އައިޕީ ވާޝަން ހައެއް ވުޖޫދަށްގެނެސްދީފައެވެ. މި އައު އިންޓަނެޓް އެޑްރެސް ސިސްޓަމްގައި 340,282,366,920,938,463,463,374,607,431,768,211,456 ޔުނީކް އެޑްރެސް ބޭނުންކުރުމުގެ ޤާބިލްކަށް ލިބިފައިވެއެވެ. އަދި މީގެ އިތުރުން އައިޕީ ވާޝަން ހަތަރަކާއި ހަޔަކާއި އެކުއެކުގައި އެއްވެސް ހުރަހެއްނެތި ބޭނުންކުރެވޭނެއެވެ. ސޮފްޓްވެއާ އާއި ހާޑްވެއާ އުފައްދާ ތަރައްޤީކުރާ ފަރާތްތަކުން މިހާރު ދަނީ މިކަމަށް އިތުރަށް މަގު ތަނަވަސްކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ގިނަ އޮޕަރޭޓިން ސިސްޓަމްތަކުގައި އައިޕީ ވާޝަން ހައެއް ގެ އެޑްރެސިން ސިސްޓަމް އޮޓަމެޓިކުން ބަލައިގަނެ އިންސްޓޯލްކުރާނެފަދަ ނިޒާމެއް ޤާއިމްކުރާނެކަމަށްވެއެވެ.

އައިޕީ ވާޝަން ހަތަރެއް އެކުލެވިގެންވަނީ 32 ބިޓްގެ ހަތަރު ބައިގެ މައްޗަށެވެ. އަދި އައިޕީ ވާޝަން ހައެއްގައި 128 ބިޓް ހިމެނޭއިރު ހެގްޒާޑެސިމަލް ނަންބަރުތަކުން އުފައްދާފައިވާ މި އެޑްރެސްތަކުގައި އަށް ބައި ހިމެނެއެވެ. އެހެންކަމުން މިހާރު އައިޕީ އެޑްރެސްތައް ހިތުން އެނގޭހައި ފަސޭހަކަމާއިއެކު އައިޕީ ވާޝަން ހައެއްގެ އެޑްރެސްތައް ސިކުނޑީގައި ހަރުލައްވައި ހަނދާން ބެހެއްޓުމަކީ އުނދަގޫކަމަކަށްވާނެއެވެ.