ރާއްޖޭގެ ޓޫރިޒަމް ޗައިނާގައި މިހާރަށް ވުރެ ބޮޑަށް އިސްތިހާރުކުރުމުގެ ގޮތުން ޗައިނާގެ ބޮޑު ތިން ސިޓީއަކަށް އަމާޒުކޮށްގެން ރޯޑްޝޯއެއް ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓު ކުރުމަށް ބާއްވާ ރޯޑްޝޯ އިއްޔެ ޗޮންގިން ސިޓީގައި ފަށާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީން އިންތިޒާމުކޮށްގެން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ 12 ފަރާތަކާ ގުޅިގެން އިއްޔެ ފެށި ރޯޑްޝޯ ބުދަ ދުވަހު ޗެންޑޫ ސިޓީގައި އަދި ހުކުރު ދުވަހު އޮންނާނީ ގުއަންގްޒޫ ސިޓީގައެވެ.

ޗައިނާގައި ބާއްވާ ރޯޑްޝޯގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ، ޓްރިޕަލް އޭ ހޮޓެލްސް އެންޑް ރިސޯޓާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓާއި ކްރައުން ޓުއާސް މޯލްޑިވްސް އާއި ކޮންސްޓެންސް ހޮޓެލް އެންޑް ރިސޯޓްސް ހިމެނެއެ އެވެ. މީގެ އިތުރުން ޗައިނާ ބެއިޖިންގް ސަންޝައިން ހޮލިޑޭ ޓްރެވެލް އޭޖެންސީއާއި އިއޯން ރިސޯޓް ގްރޫޕް އާއި ގިލި ލަންކަންފުށްޓާއި ލެޓްސް ގޯ މޯލްޑިވްސް އާއި ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އާއި ރިއެލޯ ޓްރެވެލްސް އަދި ރިސޯޓު ލައިފް މޯލްޑިވްސް ހޮޓެލް އެންޑް ރިސޯޓު ހިމެނެ އެވެ.

މި ރޯޑްޝޯއަކީ ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ފުޅާ ކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ޗައިނާގެ ފަތުރުވެރިންނަށް އަންގައި ދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ޗައިނާގެ ޓޫރިޒަމް މާކެޓާއި ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކާ ބައްދަލުވެ ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތަކަށް މި ރޯޑުޝޯ ވާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

އޯގަސްޓު 2010 އަށް ފަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. އަދި އޭގެ ފަހުން ޗައިނާއިން އަންނަ ފަތުރުވެރީންގެ މިހާރު ވަނީ ވަރަށް ބޮޑުތަން އިތުރު ވެފައެވެ. މިދިޔަ އަހަރު ނިމުނު އިރު ޗައިނާއިން 331،791 ފަތުރުވެރީން ރާއްޖެ އައިސްފައި ވެއެވެ.