އދ. މަޖިލިސް (އޮކްޓޯބަރ 14) : އިރާގުގެ ހުޅަނގުގައި އިރާގު ސިފައިންނާއި އައިއެސް ޖަމާއަތުގެ ހަނގުރާމަ ވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 180،000 މީހުން ޙާލުގައި ޖެހިފައިވާއިރު ސޫރިޔާގެ ކުބާނީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 200،000 އަށް ވުރެ ގިނަ މީހުން ޙާލުގައި ޖެހިފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނީ އިރާގު ސިފައިންނާއި އައިއެސްގެ ހަނގުރާމަ ވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިރާގުގެ ހުޅަނގުގެ ހީތް ސިޓީއާއި އަލްއަންބާރު ގަވަރނޭޓްއާއި އެސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގެ ރައްޔިތުންނަށް އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގަ އެވެ. މިގޮތުން މިހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި ހިޔާވަހިކަމާއި އަންނައުނާއި ރަޖާފަދަ ތަކެތި ބޭނުންވެފައިވާއިރު މިތަކެތި ފޯރުކޮށްދެވޭނެ އަވަސްގޮތްތަކެއް ނެތްކަމަށާ މިކަމުގެ ސަބަބުން އެމީހުން ވަރަށް ބޮޑު ވޭންތަކެއް ތަހައްމަލް ކުރަމުން ގެންދާކަމަށް އދ. ގެ ރެފިއުޖީންނާބެހޭ އިދާރާއިންބުނެ އެވެ.

އަނެއްކޮޅުން ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ސޫރިޔާގެ ކުބާނީ އަވަށުގައި ކުރިޔަށްދާ ހަނގުރާމައިގެ ސަބަބުންވެސްވަނީ ދެ ލައްކައަށް ވުރެ ގިނަ މީހުން ޙާލުގައި ޖެހިފަ އެވެ. އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާއިންބުނާގޮތުން މި ދެ ލައްކަ މީހުންގެ ތެރެއިން ގިނަ ބަޔަކު ތުރުކީއަށް ވަނުމަށް މަސައްކަތްކުރަމުން ގެންދާ އިރު ތުރުކީ ސިފައިން ގެންދަނީ އެކަމަށް ހުރަސްއަޅަމުންނެވެ. އެހެންކަމުން ކުބާނީގެ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ރެފިއުޖީން ދާނެ ރައްކާތެރިތަނެއް ވެސް ނެތްކަމަށާ އެމީހުންގެ ހާލަތު އިރާގުގެ ރެފިއުޖީންގެ ހާލަތަށްވުރެވެސް ބޮޑުކަމަށް އދ. ން ބުނެ އެވެ. (ނޫސްއެޖެންސީތައް)