ލަންޑަން (އޮކްޓޯބަރ 14) : އިސްރާއީލު ގަދަބާރުން ހިގފާފައިވާ ހުޅަނގުއައްސޭރިއާއި ޣައްޒާގައި ފީއެލްއޯ އިން އިޢްލާން ކޮށްފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ އެ ދައުލަތް ގަބޫލުކުރުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާ ގަރާރެއް އިނގިރޭސި ޕާލަމެންޓް، ހައުސްއޮފް ކޮމެންސް އިން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކޮށްފި އެވެ.

އެ ގަރާރު ފާސްކުރުމަށް ހައުސް އޮފް ކޮމެންސްގެ މެންބަރުންގެ ތެރެއިން 274 މެންބަރުން ވޯޓު ދީފައިވާ އިރު އެ ގަރާރާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ 12 މެންބަރުންނެވެ. އިނގިރޭސި ޕާލަމެންޓްގެ މެންބަރުންގެ އަދަދަކީ 650 އެވެ. ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ މެންބަރުން ވަނީ މިޖަލްސާ ބޮއިކަޓް ކުރައްވާފަ އެވެ.

އިނގިރޭސި ޕާލަމެންޓްގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރި މިގަރާރު ހައުސް އޮފް ކޮމަންސް އަށް ހުށަހަޅާފައި ވަނީ އިނގިރޭސި އިދިކޮޅު ލޭބާ ޕާޓީގެ ތާއީދާއެކު އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ގްރަހަމް މޮރިސްއެވެ. މޮރިސް ސިފަކުރެއްވި ގޮތުގައި މިގަރާރަކީ އިނގިރޭސި ދައުލަތުން ފަލަސްތީނުގެ ހައްގުތަކަށް ރަސްމީ ސިފައެއްގައި އިއްތިރާފްވުމާއި ފަލަސްތީނުގެ ދައުލަތް ރަސްމީ ސިފައެއްގައި ގަބޫލުކުރުމުގެ ފެށުމެވެ. ދެން އޮންނަ އާންމު އިންތިޚާބެއްގައި އިދިކޮޅު ލޭބާ ޕާޓީ އަށް ވެރިކަން ލިބޭއިރަށް ފަލަސްތީނުގެ ދައުލަތަށް ރަސްމީ ސިފައެއްގައި އިޢްތިރާފް ވުމުގެ ފުރްސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިގަރާރުގެ ސަބަބުން، ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ހިންގާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޣައިރު ގާނޫނީ މަޝްރޫއަކީ ވެސް ގާނޫނާ ޚިލާފު އަމަލެއްކަމަށް އިނިގިރޭސި ދައުލަތުން ގަބޫލުކުރަން ކައިރި މުސްތަގްބަލެއްގައި މަޖްބޫރުވާނެ ކަމަށް މޮރިސް ވިދާޅުވި އެވެ. އިނގިރޭސި ޕާލަމެންޓްގެ މިގަރާރު އިނގިރޭސި ސަރުކާރަށް ގޮވާލަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފީއެލްއޯ އިން އިޢްލާން ކޮށްފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ އެދައުލަތް ގަބޫލުކުރުމަށެވެ. އަދި އިސްރާއީލުން ނިގުޅައިގަނެފައިވާ ފަލަސްތީނުގެ ހައްގުތައް ހޯދުމުގެ ކަންތައް އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް ދައްކައިގެން ކުރިޔަށްގެންގޮސް ޙައްލު ކުރުމަށެވެ.
އިސްރާއީލުގެ ރަހްމަތްތެރިއެއް ކަމަށް ސިފަކުރެވޭ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރުން މިގަރާރާ އެއްގޮތަށް އަމަލުކުރާނެ ކަމަކަށް ނުބެލެވެ އެވެ. ކެމެރޮން އާއި އޭނާގެ ކެބިނެޓް މެންބަރުންނާއި ކޮންޒަވެޓިވް ޕާޓީގެ މެންބަރުން ބޮއިކަޓް ކުރެއްވި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މިޖަލްސާ އިން ފަލަސްތީނަށް ތާއީދުކުރާ ގަރާރު މިހާތަނަވަސް އަޣްލަބިއްޔަތަކުން ފާސްވެގެން ދިޔުމަކީ ކެމެރޮންއާއި އޭނާގެ ސަރުކާރު އެކަހެރި ވެފައިވާ މިންވަރު ހާމަވެގެންދިޔުމުގެ އިތުރުން ކެމޮރޮންއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ލަދުވެތިކަމެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ.

އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަކީ ޒަމާނުއްސުރެ އިސްރާއީލުގެ ކޮޅަށްޖެހި ހުސްވެފައިވާ އަދި އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ލޯމަރާލައިގެން އޮންނަ ޕާޓީއެކެވެ. އެހެންކަމުން ކެމެރޮންގެ ސަރުކާރުން މިގަރާރަށް ބޯލަނބައި ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ ފަލަސްތީނުގެ ހައްގުތައް ގަބޫލުކުރާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމަށް ތާއީދު ކުރުމުގައި އިނގިރޭސި ސަރުކާރުތަކުން ޒަމާނުއްސުރެ ގެންގުޅެމުންދާ ބޭއިންސާފު ސިޔާސަތުތަކަށް މިގަރާރުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާންނާނެ ކަމަށްވަނީ ބެލެވިފަ އެވެ.

މިގަރާރުގެ ސަބަބުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަށް ގޮވާލާ މިފަދަ ގަރާރުތައް ފާސްކުރުމަށް ޔޫރަޕްގެ އެހެންގައުމުތަކަށް ވެސް ހިއްވަރުލިބި ޔޫރަޕާއި ބައިނަލްއަގްވާމީ މުޖްތަމައުގައި އިސްރާއީލު އިތުރަށް އެކަހެރިވެގެންދާނެ އެވެ. ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްވިޑްންގެ ސަރުކާރުން ވެސް ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އެގައުމުން އިޢްތިރާފްވާނެކަން ހާމަކޮށްފަ އެވެ.

ދުނިޔޭގެ 120 ގައުމަކުން ފަލަސްތީނުގެ ދައުލަތަށް އިއްތިރާފްވެފައިވީ ނަމަވެސް މީގެ ތެރޭގައި ޔޫރަޕްގެ ގައުމުތައް ވަރަށް މަދެވެ. އެހެންކަމުން ފަލަސްތީނުގެ މިނިވަން ދައުލަތަށް ޔޫރަޕުން އިއްތިރާފްވާން ފެށުމަކީ ބޮޑުމައްސަލައެއްކަމަށް އިސްރާއީލުންވަނީ ސިފަކޮށްފަ އެވެ.

ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަތުމާއި ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ އަތްދަށަށް ގޮސް ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަން ގެއްލިގެން ދިޔުމުގައި އިނގިރޭސި ދައުލަތުގެ ތާރީޚީ ޒިންމާތަކެއްވާ ކަމަށް އިނގިރޭސި ޕާލެމެންޓްގެ ގިނަ މެންބަރުން މިހާރު ގަބޫލުކުރައްވަ އެވެ. އެހެންކަމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަކީ އިނގިރޭސި ދައުލަތުގެ މައްޗަށް އޮތް އަޚްލާގީ ވާޖިބެއްކަމަށް ދެކޭ އިނގިރޭސި ޕާލެމެންޓް މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ހައުސް އޮފް ކޮމެންސްގެ މިގަރާރަށް އަމަލުކުރަން އިނގިރޭސި ސަރުކާރަށް މަޖުބޫރު ނުވިނަމަވެސް އިނގިރޭސި މުޖްތަމައާއި ސިޔާސީ ފަރާތްތަކުން އިސްރާއީލުގެ އަނިޔާވެރިކަން ގަބޫލުނުކުރާކަމާއި ފަލަސްތީނުގެ ހައްގުތަކަށް އިނގިރޭސީން އިހްތިރާމްކުރާކަން މިވޯޓުން ވަނީ ފިސާރި ރަނގަނޅަށް ހާމަވެގެން ގޮސްފަ އެވެ.

މީގެ އިތުރުން ޒަމާނުއްސުރެ އިނގިރޭސި މުޖްތަމައަށް ބާރާއި ނުފޫޒު ހިންގަމުން ގެންދާ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކާއި ޔަހޫދީ ލޮބީ ގްރޫޕްތަކުގެ އާރާއިބާރު އިނގިރޭސި ސިޔާސީ ދާއިރާގައި ކުޑަވެފައިވާ މިންވަރުވެސް މިވޯޓުން ވަނީ ރަނގަނޅަށް ހާމަވެގެން ގޮސްފަ އެވެ.