އުމުރުން 65 އަހަރު ވެފައިވާ ފަރާތްތަކުގެ ތެރެއިން އެނދުމަތިވެފައިވާ މުސްކުޅިނަށް ގޭގައި ތިބެގެން ފަރުވާދިނުމުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ފަރާތުން ހާއްސަ ހިދުމަތެއް މިރޭ ތައާރަފުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ ހާއްސަ ހިދުމަތްތަކާއި މަސައްކަތްތައް އިފްތިތާހު ކުރުމަށް ނެޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފުކޮށްފައިވާ ހިދުމަތަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެނދުމަތިވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެ މީހުން ކައިރިއަށް ނަރުހުން ފޮނުވާ ހިދުމަތެކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން އެނދުމަތިވެފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމް ގާއިމްކުރުމުގެ މަގްސަދަކީ ބަލިހާލު ބޮޑުވުމުގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ހިދުމަތް ދޭ ތަންތަނަށް އައުމުގެ ބަދަލުގައި ގޭގައި ތިބެގެން ފަރުވާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.

ގޭގެއަށް ނަރުހުން ފޮނުވައިގެން އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމުގެ ބޭނުމަކީ، އެފަދަ ފަރާތްތަކީ އާއިލާތަކުގެ ފެށުން ކަމަށް ވުމާއި އެ މީހުންނަކީ ގައުމައް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބަޔަކަށް ވާތީ މުޖުތަމައުގެ އަޅާލުމާއި ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަކީ އެ މީހުން ކަމަށްވާތީ ކަމަށް ލޯ އެންޑް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެ ހިދުމަތް ލިބޭނީ ހިދުމަތައް އެދި ހުށައަޅާ ފަރާތްތަކަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އެގޮތުން މި މަހު 14 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތައް އެދޭ ފޯމް ޖެންޑާ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.