13 Oct 2014, 22:59
އެމްޑީޕީން ބާއްވާ ޖަލްސާތަކަށާއި އެ ޕާޓީގެ ތަންތަނަށް ގެއްލުންދެމުންދަނީ އެމްޑީޕީ އަމިއްލައަށް ރާވައިގެން ކަމަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
~
އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހު، މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު މިރޭ ވިދާޅުވީ އެމްޑީޕީން އައްޑޫ ސިޓީ، ފޭދޫގައި ބޭއްވި ޖަލްސާއަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމަށް ޒުވާނުންތަކެއް މަސައްކަތް ކޮށްފައި ވަނީ ފައިސާދީގެން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެމްޑީޕީ މެމްބަރުނަށް ގެއްލުން ދިނުމަށް 60 މީހުނަށް ފައިސާ ދީފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަަމަށާއި ހަމަނުޖެހުންތަކުގައި ބައިވެރިވީ 40 ވަރަކަށް "ކުދިން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް މައުލޫމާތު ލިބެނީ 60 ވަރަކަށް ގޭންގު ކުދިނަށް ފައިސާދީގެން އެ މީހުން ހަތިޔާރާއެކީގައި އެ މީހުން އަޅުގަނޑުމެނާ ދިމާލަށް ގެނައުމަށް ރޭވިފައި އޮތީ. އެހެން ނަމަވެސް އޭގެ ތެރެއިން ގިނަ ކުދިން ވަކި ހިސާބަކުން އޭގައި ބައިވެރިނުވީ،" އެމްޑީޕީގެ ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް މައުލޫމާތު ލިބިފައި އެބަހުރި ކާކުގެ ޕިކަޕެއްގަ ތޯ އެކުދިން އަޅުގަނޑުމެނާ ދިމާކުރަން އައީ. އަދި ކޮން ކޮންތަނަކުންކަން ތެލާއި މި ބާވާތުގެ އެހެނިހެން ވެސް އެހީތެރިކަން އެ މީހުން ހޯދާފައި ވަނީ،"
އެމްޑީޕީގެ ޖަލްސާތަކަށާއި އެމްޑީޕީގެ ތަންތަނަށް ގެއްލުން ދެމުންދަނީ އެ ޕާޓީ އަމިއްލައަށް ރާވައިގެން ކަމަށް ސަރުކާރުން ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެކަން ސާފު ކުރުމަށް ތަހުގީގު ހިންގުމަށް އެމްޑީޕީ އޮތީ "ހުޅުވިފައި" ކަމަށެވެ. އަދި އެމްޑީޕީ އަމިއްލަ އަށް އެކަން ކޮށްފާނެ ކަމަށް އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ ބައެއް ސަރުކާރުގެ ފަރާތްތަކުން ވާހަކަ ދައްކާހެން އަޅުގަނޑުމެން ކުރާ ކަމެއްގެ ގޮތުގައި. އެހެން ކަމަށްވަނީ ވިއްޔާ އަޅުގަނޑުމެން މި ތިބީ ތަހުގީގަށް ހުޅުވިގެން. ތަހުގީގަށް އެއްބާރުލުން ދިނުމަށް. ޝައްކުތައް އެކީއެކަށް އެބަ ފިލާން އެބަޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ އަޅުގަނޑުމެން އަމިއްލައަށް މިބާވަތުގެ ކަމެއްކޮށްފާނެ ކަމަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އެއްވެސް މަޝްރޫއެއް ހިނގަމުން ނުދާ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރަށް މިރޭ ފާޑުވިދާޅުވެފަ އެވެ.