13 Oct 2014, 23:01
ފިލައިގެން އުޅޭތާ މަހަކަށްވުރެ ގިނަ ދުވަސްފަހުން ހޯދަމުންދިޔަ އުމުރުން 16 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފުލުހުން ހޯދަމުން ދިޔަ ފާޠިމަތު މަލްހާ ފެނިފައި ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ކުރަމުން ދިޔަ މަސައްކަތުން މިއަދު ހަވީރު 5:20 އެހައިކަންހާއިރު ހުޅުމާލެ ފެރީ ޓާރމިނަލް ތެރެއިން ކަމަށެވެ. އަދި އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފާޠިމަތު މަލްހާ ހޯދުމަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ކުރަމުން ދިޔަ މަސައްކަތުގައި މާލެ ސިޓީ ޕޮލިސް އާއި ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ބައެއް ތަންތަން ކޯޓު އަމުރުގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށް އަތޮޅުތެރޭގެ އެކިއެކި ރަށްރަށުގައި ފާޠިމަތު މަލްހާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.