އެބޯލާއާ ދެކޮޅަށް ކެނެޑާގައި އުފެއްދި ފުރަތަމަ ވެކްސިން ޖަނަވާރުގައި ޓެސްޓް ކުރުމަށް ފަހު އިންސާނުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އެމެރިކާގެ މޭރީ ލޭންޑްގައި މިއަދު ފައްޓައިފި އެވެ.

ކެނެޑާގެ ހެލްތު މިނިސްޓަރު ރޮނާ އެމްބްރޯސް އާ ހަވާލާދީ އެސޯސިއޭޓް ޕްރެސް(އޭޕީ) އިން މިއަދު ބުނީ އެފްރިކާގައި 4000 މީހުން މަރުވެފައިވާ ބައްޔަށް ފަރުވާ ދިނުމަށް ކުރާ ޓެސްޓްގެ ވެކްސީން ކާމިޔާބު ވެއްޖެ ނަމަ އެ ބަލި ފެތުރުން ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މި ވަނީ އެ ބޯލާއާ ދެކޮޅަށް ކުރާ މަސައްކަތުގައި ވަރަށް އުންމީދީ އަދި ވަރަށް އުފާވެރި މައުލޫމާތުތަކެއް ހިއްސާ ކުރެވޭ ހިސާބަށް އާދެވިފައި،" ކެނެޑާގެ ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ކެނެޑާގެ ހެލްތު މިނިސްޓަރާއި ޗީފް ޕަބްލިކް ހެލްތު އޮފިސަރު ޑރ. ގްރޭގަރީ ޓަޔަލޯއާ ގުޅިގެން މިއަދު ދެއްވި ޕްރެސްކޮންފަރެއްސެގައި ވިދާޅުވީ ކެނެޑާގައި އެ ވެކްސީން ޖަނަވާރަށްދީ ޓެސްޓްކޮށްފައިވާ ކަމަށާއި މެރީލޭންޑްގެ ޓެސްޓް ވާނީ އިންސާނުންނަށް އެ ވެކްސީންދީގެން ކުރާ ފުރަތަމަ ޓެސްޓް ކަމަށެވެ.

އެ ވެކްސީން އުފެއްދީ ކެނެޑާގެ މައިކްރޯބައިލޮޖީ ލެބޯޓްރީ އިންނެވެ. އަދި ޖަނަވާރަށް އެ ވެކްސީންދީ ވަނީ ކާމިޔާބުކޮށްފަ އެވެ.

އެމްބްރޯސް ވިދާޅުވީ އެ ވެކްސީން އިންސާނުންނަށް ޓެސްޓްކޮށް ނިމޭނީ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ވަކި ދުވަހެއް ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ އެ ވެކްސީން "100 ޕަސެންޓް ކާމިޔާބު" ކަމަށެވެ. އަދި އެވެކްސީން އިންސާނުންނަށް ދޭން ފެއްޓުމުން އެބޯލާ ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

"އެބޯލާ ވެކްސީން އިންސާނުންނަށް ކާމިޔާބު ވެއްޖެ ނަމަ ބަލި ފެތުރުން ކޮންޓްރޯލު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ކެނެޑާ އިން ބުނީ ތަޖުރިބާ ކުރުމުގެ ގޮތުން އެ ވެކްސީންގެ 1000 ޔުނިޓް ވޯލްޑް ހެލްތު އޮގަނައިޒޭޝަން މެދުވެރިކޮށް އެބޯލާ އެންމެ ބޮޑަށް ފެތުރޭ ލައިބީރިއާ، ސިއެރާ ލިއޯން އަދި ގުއެނާ އަށް ފޮނުވާނެ ކަމަށެވެ.