ވޭތުވެދި އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު ރާއްޖެއިން މުދާ އެކްސްޕޯޓް ކޮށްފައިވާ މިންވަރު 17 ޕަސެންޓް އިތުރުވެ، އިމްޕޯޓް ކޮށްފައިވާ މިންވަރު 16 ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ ހުސްވި ސެޕްޓެމްބަރު މަހު ރާއްޖެއިން 244.7 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވީ ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 208.8 މިލިއަން ރުފިޔާގެ މުދާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު މިއަހަރު ސެޕްޓެމްބަރު މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކޮށްފައިވާ މިންވަރު އިތުރުވި ސަބަބެއް ކަމަށް ބެލެވެނީ ރާއްޖޭގެ އެންމެ ބޮޑު އެކްސްޕޯޓު މާކެޓް ކަމަށްވާ ތައިލެންޑަށް އެކްސްޕޯޓް ކުރި މިންވަރު 43 ޕަސެންޓް އިތުރުވުން ކަމަށެވެ.

އޭގެ އިތުރުން މިދިޔަ މަހު ފްރާންސް އާއި އިނގިރޭސި ވިލާތާއި އެމެރިކާއަށް މުދާ އެކްސްޕޯޓްކުރި މިންވަރަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 80 ޕަސެންޓް ކުރިއެރުމެއް ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިއަހަރު ރާއްޖެއަށް އެތެރެކުރި މުދަލުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލަށެވެ. އެގޮތުން 742.1 މިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވާ އިރު އިލެކްޓްރޯނިކްސް ގެ ބާވަތްތަކުން 472.4 އަދި 458.1 ރުފިޔާގެ ކާބޯތަކެތި ވަނީ އެތެރެކޮށްފަ އެވެ.