13 Oct 2014, 18:14
ށ.ފަރުކޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދަން ސިމްޑީ ކުންފުނީގެ ހިއްސާ އޮންނަ އަރާމް ޓްރެވަލްސްއާ އެކުވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފިއެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވީ ބަންޑާރަ ނައިބުގެ ލަފާއާ އެކު އެ އެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އޭނާ ވިދާޅުވީ އެއްބަސްވުން ބާތިލް ކުރަންޖެހުނީ ށ. ފުނަދޫ ފަޅު ހިއްކައިގެން އެއާޕޯޓު އެޅުމަށް ސަރުކާރުން އެންގުމުން އެކުންފުނިން އެކަމަށް އިޖާބަނުދިނުމުން ކަމަށެވެ.
"އަޅުގަނޑުމެން އެބޭފުޅުން ކައިރީ ދެންނެވިން ފުނަދޫ ފަޅު ހިއްކައިގެން އެއާޕޯޓު އަޅަން. އެބޭފުޅުން އެކަމަށް އެއްބަހެއް ނުވޭ. އަޅުގަނޑުމެން ބޭނުމެއް ނޫން ފަރުކޮޅު ހަލާކުކޮށްލައިގެން އެތަނުގައި އެއާޕޯޓެއް އަޅަން،" އަދީބު ވިދާޅުވިއެވެ.
މިހާރު ސަރުކާރުގެ ޕްލޭނަކީ އެހެންގޮތަކަށް އެތަނުގައި އެއާޕޯޓެއް އެޅުން ކަމަށާއި އެކަން ސަރުކާރުން ކުރާނެ ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
އަރާމް ޓްރެވަލްސް އަކީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ ފިރިކަލުން އިބްރާހިމް ދީދީ (ސިމްޑީ ޑީޑީ)ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެރަށުގައި އެއާޕޯޓު އަޅާމަތިން އެކުންފުންޏަށް ވަނީ ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. އަތޮޅުން ރަށެއް ވެސް ހަވާލުކޮށްފައެވެ.