ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިދުމަތްދޭ މަރުކަޒަށް ސާފު ފެން ލިބޭނެ ވަގުތީ އިންތިޒާމްތަކެއް މިހާރުން މިހާރަށް ހަމަޖެއްސުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ލޯ އެންޑް ޖެންޑާ މިނިސްޓްރީއަށް އަންގައިފި އެވެ.

އެޗްއާރުސީއެމުން ލޯ އެންޑް ޖެންޑާ މިނިސްޓްރީއަށް މިއަދު ފޮނުވި އެންގުމެއްގައި ބުނެފައި ވަނީ ގުރާދޫ މަރުކަޒުން ފަރުވާ ހޯދަމުން އަންނަ ބަލި މީހުން ފެންވެރުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާނެ ސާފުފެން އެތަނުގައި ނެތް ކަމަށެެވެ. އަދި މަރުކަޒުގެ ފެނުގެ އިތުރުން ނަރުދަމާގެ މައްސަލަ ވެސް ކުރިމަތިވެފައިވާ ކަމަށާއި އެ މައްސަލަތައް ހައްލު ކުރާނެ ގޮތުގެ ތަފްސީލް މިމަހުގެ 19 ވަނަ ދުވަހުގެ 2:00 ގެ ކުރިން އެ ކޮމިޝަނާ ހިއްސާކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

އެޗްއާރުސީއެމްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ގޮތަކަށް އަންގާފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެ ކޮމިޝަނުން އެ މަރުކަޒަށް ކުރި ޒިޔާރަތުގައި، އެ މަރުކަޒުގައި ބޭނުން ކުރަމުން އަންނަ ފެނަކީީ ފެންވެރުމަށާއި ޒަރޫރީ އެހެން ބޭނުންތަކަށް ބޭނުން ކުރުމަށް ސާފު ފެން ނޫން ކަމަށާއި އެ ފެން ވަނީ ވަރަށް ބޮޑަށް ތަޣައްޔަރު ވެފައި ކަމަށެވެ.

"އެ މަރުކަޒުގައި ބޭނުން ކުރަމުން އަންނަ ފެން ހުރީ ވަރަށް ބޮޑަށް ތަޣައްުޔަރުވެފައި. އެފަދަ ފެން ބޭނުންކުރުމުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ އިތުރުން ބޭރަށް ހިންގުމާއި ހަމުގެ ބަލި ފަދަ ބަލިތައް ޖެހުން އެކަށީގެންވާ ކަމަށް މަރުކަޒަށް ކުރި ޒިޔާރަތުގައި ބައިވެރިވި ޑޮކްޓަރު ވަނީ ލަފާދެއްވާފައި. އަދި މަރުކަޒުގެ ލިޔެކިޔުންތަކުން ވެސް މަރުކަޒުން ފަރުވާ ހޯދަމުން އަންނަ އެކި މީހުންނަށް ހަމުގެ އެކި އެކި މައްސަލަތައް ގިނަ،" އޮފިޝަލް ވިދާޅުވި އެވެ.

ފެނުގެ މައްސަލަ ހައްލުުކުރުމަށް 2009 ވަަނަ އަހަރުން ފެށިގެން އެ ކޮމިޝަނުން ގެންދަނީ އެ މަރުކަޒަށް ހުށަހަޅަމުންނެވެ. ނަމަވެސް މިހާތަނަށް ވެސް އެއްވެސް ހައްލެއް އެ މައްސަލައަށް ގެނެސްފައިނުވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މީގެ އިތުރުން މަރުކަޒުގެ އެތެރޭގައި ބަހައްޓާފައި ހުރި ޖަންކްޝަންތައް ފުރިގެން މައްޗަށް ނަޖިސް އަރާފައިވާ ކަމާއި މަރުކަޒުގެ ގޯތި ތެރޭގައި ވަސް ނުބައިވެފައިވާއިރު އެ މައްސަލައަކީ 2013 ވަނަ އަހަރުގެ އެކޮމިޝަންގެ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.