ހއ. އިހަވަންދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށް 1،305،338.70 ރުފިޔާ އަށް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިޔާތުގައި އިހަވަންދޫ ހެލްތު ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ހަވާކޮށްފައި ވަނީ "ރަޒާ ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑް" ކުންފުންޏާ އެވެ.

މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އަދި "ރަޒާ" ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައޫފެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އެއްބަސްވުމުގެ ދަށުން މި އަހަރުގެ ތެރޭގައި އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި ރޭނުމާއި ސިމެންތި ޖެހުމާއި ހިޔާކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަލަށް އިތުރުކުރާ އިމާރާތުގައި ލޭބަ ރޫމަކާއި ފަސް އެނދުގެ ވޯޑަކާއި ޑްރެސިން އެންޑް އިންޖެކްޝަންސް ރޫމެއްގެ އިތުރުން ލޯންޑްރީއާ އޮފީސްބައި ހިމެނޭނެ ކަމަށް ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މިއަދު ބޭއްވި ރަސްމިޔާތުގައި ނާޒިމް ވިދާޅުވީ އިހަވަންދޫގައި އަލަށް އިތުރުކުރާ ބައި ހެލްތު ސެންޓަރާ ގުޅުވާލުމުން މިހާރު ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އެ ރަސްމިޔާތުގައި އިހަވަންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.