ދުނިޔޭގެ ފެތުމުގެ ކުޅިވަރުތަކާ ބެހޭ ޖަމިއްޔާ (ފީނާ)އާ ގުޅިގެން ސްވިމިން ކޯޗިން ކްލިނިކެއް މިމަހުގެ 19 އިން 29 އަށް ބޭއްވުމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، ދެ ބަޔަކަށް ބަހާލައިގެން މާލޭގައި ކުރިއަށް ގެންދާ ކްލިނިކްގައި ހިމެނޭނީ ޕްރެކްޓިކަލް އަދި ތިއަރީ ކްލާސް ތަކެއް ކަމަށެވެ. ފުރަތަމަ ތިއަރީ ކްލާސްތައް ފެށުމަށް ހަމަޖެހިފައިވާއިރު މި ކްލާސް ކުރިއަށް ދާނީ މި މަހުގެ 19 އިން 29 އަށެވެ. އަދި ޕްރެކްޓިކަލް ކްލާސްތައް ކުރިއަށްދާނީ މިމަހުގެ 20 އިން 29 އަށެވެ.

މި ކްލިނިކްގައި ބައިވެރި ވެވޭނީ 25 ފަރާތަކަށް ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. ނަމަވެސް ބައިވެރި ވެފައިވާ އަދަދު 25 އަށް ވުރެ ގިނަ ކަމުގައި ވާނަމަ ބަލާނީ އެފަރާތެއްގެ ތަޖުރިބާއާއި ފެތުމުގެ ދާއިރާއަށް ވެދީފައިވާ ޚިދުމަތްތަކަށް ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

ސްވިމިން ކޯޗިން ކްލިނިކްގައި ބައިވެރިވާން އެދޭ ފަރާތް ތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކްލިނިކްގައި ބައިވެރިވާން އެދުމުގެ ސުންގަޑީއަކީ ބުރާސްފަތި ދުވަހުގެ 14:00 ކަމަށާއި ސްވިމިން އެސޯސިއޭޝަންގެ ވެބްސައިޓުން އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.