ސްރީލަންކާ އަށް ބޭސްފަރުވާއަކަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުުހުން ފަށައިފި އެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ބ. އޭދަފުށީ އަހުމަދު ޝިމްހާދު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް އާއިލާއިން ފުލުުހުންގެ އިދާރާއަށް އިއްޔެގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން ކުރަމުން އަންނަ ކަަމަށެވެ.

ނަމަވެސް އެމީހާ ރާއްޖެއިން ބޭރަށް ގޮސްފައިވަނީ ކޮން އިރަކު ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އާއިލާއާ އެކު ރަށުގައި ދިރިއުޅެމުން އަންނަ ޝިމްހާދު، ލަންކާއަށް ފުރާފައި ވަނީ، މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އޭނާ ލަންކާއަށް ފުރިކަން އާއިލާއަށް ވެސް އަންގާފައެއް ނުވެއެވެ.

ޝިމްހާދު ލަންކާގައި ހުރިކަން އެނގުނީ، އޭނާ ލަންކާގެ ނަންބަރަކުން މާލޭގައި ހުރި ރަހްމަތްތެރިއަކަށް ގުޅާފައި ލަންކާގައި ހުރިވާހަކަ އޭނާގެ ކޮއްކޮއެއް ކައިރީގައި ބުނެދިނުމަށް އެދުމުންނެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެވެ.