24 Jan 2011, 00:08
އެމްޑީޕީ ދެކެ އިޚްލާސްތެރިކަމާއެކު ލޯބިވާ މެމްބަރުން ދުވަހެއް ދުވަހަކަށް ޕާޓީން ވަކިކުރަން ވެއްޖެއްޔާ އެމްޑީޕީ ރޫޅިގެންދާން ގިނަ ދުވަހެއް ނުނަގާނެ ކަމަށް ޕާޓީން ވަކިކުރި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ އައިޝަތު ޝެރީން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޓިކެޓުގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް ސަރަނގު އާދަމް މަނިކު ވާދަކުރައްވަނިކޮށް، ހަމަ އެ ދާއިރާއިން ޝެރިން މިނިވަން ކެންޑިޑޭޓެއް ގޮތުގައި ވާދަކުރައްވާ މައްސަލައިގައި އޭނާ ޕާޓީން ވަކިކުރުމަށް ނިންމުމުން ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝެރިން މިއަދު ވިދާޅުވީ، ޕާޓީން ވަކިކުރެއްވި ނަމަވެސް އޭނާ ކުރައްވާ މަސައްކަތަށް އޭގެ ސަބަބުން އެއްވެސް ހުރަހެއް އެޅުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންތިހާބުގައި ސަރަނގު އާދަމް މަނިކާ ވާދަކޮށް ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ޝެރިން ވިދާޅުވި އެވެ.
އެމްޑީޕީގެ ރީނދޫ ޕޯޑިއަމްކައިރިންނާއި އެ ޕާޓީގެ މުޒާހަރާތަކާއި އެއްވުންތަކުން މަޝްހޫރުވެގެން އައި ވާހަކަދެއްކުންތެރިޔާ ވިދާޅުވީ، "ލިސްޓު" ނުކުރެވޭހާ ގިނައިން އެމްޑީޕީއަށް ފައިދާ ހުރި މަސައްކަތް ކޮށްދީފައިވާނެ ކަމަށެވެ. އަދި މިއަދު ޕާޓީން އޭނާ ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި އެވަނީ ވެސް ޕާޓީއަށް ވަރަށް އިޚްލާސްތެރިކަމާއެކީ މަސައްކަތްކޮށްދެއްވަމުން އަންނަނިކޮށް ކަމަށެވެ. އަދި އެގޮތަށް ޕާޓީގެ އެހެން މެމްބަރުންނާ މެދު ކުރިއަށް އޮތް ތަނުގައި އަމަލުކޮށްފިނަ ޕާޓީ ރޫޅިގެންދާން ގިނަ ދުވަހެއް ނުނަގާނެ ކަމުގެ އިންޒާރު ޝެރިން ދެއްވި އެވެ.
"މިއަދު އަޅުގަނޑު މިދިޔައީ. އެކަމަކު ޕާޓީއަށް އިޚްލާސްތެރި ޕާޓީދެކެ ލޯބިވާ މެމްބަރުން ދުވާލަކު މީހަކު ނޫނިއްޔާ ދެން އަންނަ ފަހަރަކު އަނެއް މީހާ، މިހެން މިކަން ކުރަން ވެއްޖިއްޔާ ދެން އެޕާޓީ ވެސް ރޫޅިގެންދާކަށް ގިނަ ދުވަހެއް ނުނަގާނެ،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު ބިލެތްދޫ ދާއިރާ، އަހްމަދު ހަމްޒާގެ އޮފީހުގައި އިންނަވައިގެން ދެއްވި އިންޓަވިއުގައި ޝެރިން ވިދާޅުވި އެވެ.
އެމްޑީޕީ ތެރޭގައި ސަރަނގު އާދަމް މަނިކުގެ ނުފޫޒު ވަރަށް ބޮޑަށް ފެތުރިގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރައްވާ ޝެރިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އޭނާ ޕާޓީން ވަކިކުރުމުގެ ފަހަތުގައި އާދަމް މަނިކުގެ ނުފޫޒު އެބައޮތް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި ވިދާޅުވި އެވެ: "އަޅުގަނޑު ގަބޫލުރަން ]ޕާޓީން ވަކިކުރީ[ ޕާޓީއަށް އެމީހެއްގެ ]އާދަމް މަނިކު[ ނުފޫޒު ގަދަވެގެން ކަން،"
ޝެރިން ވިދާޅުވި ގޮތުގައި، ސަރަނގު އާދަމް މަނިކަށް ގިނަ ބަޔެއްގެ ތާއީދެއް ނެތެވެ. އެހެންނަމަވެސް މީހުންނަށް އެހެން ބުނަން ނުކުރެނީ އެވެ. އެކަމަކު ވިދާޅުވީ އޭނާ "އެކަނި ހުންނަވައިގެން ވިޔަސް އާދަމް މަނިކާ ދެކޮޅަށް ނުކުންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް މިދާއިރާގައި މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް، އަދި ދާއިރާއިން ބޭރުގައި ވެސް އެނގުނު އެއްޗަކީ ސަރަނގު އާދަމް މަނިކު، ކިތަންމެ ފައިސާއެއް ކިތަންމެ ނުފޫޒެއް އެބޭފުޅާ ބޭނުންކުރެއްވިޔަސް ތާއީދެއް ނެތް ކަން. އެކަމަކު އަޅުގަނޑު ދެރަވާކަމަކީ ކިތަންމެ ވަރަކަށް މީހުންގެ ހިތުގައި މިކަން އޮތަސް ވެސް މިވާހަކަ ފާޅުކުރަން ކެރޭ މީހަކު މަދީ. އެކަމަކު އެކަން ކުރަން އަޅުގަނޑަށް ކެރޭނެ. އެހެންވެ މި ގައުމުގައި އަޅުގަނޑު އެކަނިވިޔަސް ސަރަނގު އާދަމް މަނިކާ އިދިކޮޅަށް ނުކުންނާން،" ޝެރިން ވިދާޅުވި އެވެ.
ޝެރިންގެ މި ވާހަކަތަކާ ގުޅިގެން ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ، ޝެރިން ކެނޑިނޭޅި ގެންދަވަނީ އޭނާގެ އަބުރަށް އަރައިގަންނަވަމުން ކަމަށެވެ. ޝެރިން އަބަދުވެސް ދައްކަވަނީ "އާދަމް މަނިކު ނުހޮވަންވީ" ވާހަކަތައް ކަމަށެވެ. "ވާދަވެރި ކްމެޕޭނެއް ޝެރިން ކުރައްވާހެންނެއް ކުޑަކޮށްވެސް ފާހަގަވެފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އާދަމް މަނިކު ވިދާޅުވީ އެމްޑީޕީއަކީ ވަރަށް "ތަފާތު" ލީޑާޝިޕެއް އޮންނަ ޕާޓީއެއް ކަމަށެވެ. އެގޮތުން ޝެރިން ޕާޓީން ވަކިކޮށްފައިވަނީ އޭނާއާ ގުޅޭ ގޮތުން ޕާޓީއަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުއްވިތާ ދެތިން ގަޑިއިރު ފަހުން ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އެމްޑީޕީއަކީ، ޚާއްސަކޮށް އެމްޑީޕީގެ ލީޑަޝިޕް، ވަރަށް ގިނަ ގޮތްގޮތުން އެހެން ޕާޓީތަކާ ތަފާތޭ އިނގޭތޯ. އަޅުގަނޑު ރަސްމީ ގޮތުން، ޝެރިންއާ ބެހޭ ގޮތުން ކޮމްޕްލެއިން ކުރީ މިއަދު. މިއަދު މެންދުރުވާން ކައިރިވެފައި އޮންނާނީ އަޅުގަނޑުގެ ސިޓީ އެމްޑީޕީ ސެކްރެޓޭރިއެޓާ ހަމައަށް ދިޔައިރު. ދިޔަތާ ދެތިން ހަތަރު ގަޑިއިރު ތެރޭގައި އޭނާ ވަކިކޮށްފިހެން (ހީވަނީ)،" އާދަމް މަނިކު ވިދާޅުވި އެވެ.