ކައިވެންޏަށް ފަހު ކޮންމެ ދެމަފިރިޔަކަށްވެސް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބައިވެރިޔާގެ އާއިލާއާ އެކު ގުޅިގެން ކުރިޔަށް ދިޔުމެވެ. އަދި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އަންހެންމީހާ އަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި 60 އިންސައްތަ ކައިވެނިތަކުގައި އަނބިމީހާ އަށް އޭނާގެ މައިދައިތަގެ ފަރާތުން ތަކްލީފުތަކެއް ތަހައްމަލުކުރަން ޖެހެއެވެ. މައިދައިތަގެ ފަރާތުން ދިމާވާ ހިތްހަމަ ނުޖެހޭ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ފިކުރުތަކަށް އޮތް އެންމެ ރަނގަޅު ހައްލަކީ މައިދައިތަގެ މިޒާޖު ދަނެ އެއީ ތިމަންނައަށް ވުރެ ބޮޑު މީހެއްކަން ހަނދާނުގައި ބަހައްޓައި އިހުތިރާމް ކުރުމެވެ.

އެގޮތުން ތިބާ އާއި ތިބާގެ މައިދައިތަ އާއި ދެމެދުގައިވާ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކަށް މިތާނގައި އަލިއަޅުވައިލާނަމެވެ.

މިޒާޖާއި ގުޅިގެން އުޅުން
ޅީދަރިޔަކަށް ވުމަކީ އާ ކަމެއް ފަދައިން މައިދައިތައަށް އެ މަޤާމަކީވެސް އާ ކަމެކެވެ. ވުމާއި އެކު ތިބާ ވާންވާނީ މައިދައިތަގެ މިޒާޖު ދަނެގަނެ އެއާއި ގުޅިގެން މަސައްކަތްކުރާ މީހެއް ކަމުގައެވެ. އެގޮތުން މައިދައިތަ އެ މަޤާމުގައި ހުންނަން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދޭންވާނެއެވެ.

ހަމަހަމަކަން ބެހެއްޓުން
ތިބާގެ މަންމަ އާއި ދޭތެރޭ ކަންތައްކުރާ ބީދައިން މައިދައިތަ އާއި މެދުގައި ވެސް އަމަލުތައް ބަހައްޓާށެވެ. މިސާލަކަށް މަންމަ އަށް އުފަންދުވަހުގެ ހަދިޔާ ދޭނަމަ މައިދައިތަގެ އުފަންދުވަހުގައި ވެސް ހަދިޔާ ދޭށެވެ. އަދި ވަކިން ދިރިއުޅޭ ނަމަ ދަރިން ގޮވައިގެން މަންމަ އާއި މައިދައިތަ އާއި ހަމަ ހަމައަށް ޒިޔާރަތްކުރާށެވެ.

ނާޒުކުކަން ދަނެގަތުން
އެންމެ ކުޑައިރުއްސުރެ ދަރިފުޅު ބަލައި ބޮޑުކުރި މަންމަ ނޫން އެހެން މީހަކަށް އެފަދަ ލޯތްބެއް ލިބިގެން ދިޔުމީ މައިމީހާގެ ހިތަށް އަސަރުތަކެއް ކުރުވާނެ ކަމެއްކަމީ ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ. ގިނަ މައިންބަފައިން އެ ލޯބި ހޯދުމަށް މަސައްކަތް ނުކުރިޔަސް ބައެއް މައިންބަފައިން އެކަމަށް ވާދަކުރެއެވެ. ދަރިންނާއި އެކު ގިނަދުވަހު އުޅެފައިވާ މައިންބަފައިން ނުވަތަ އެންމެ ދަރިޔަކު ހުންނަ މައިންބަފައިންގެ ކިބައިން މިފަދަ ކަންތައްތައް ޚާއްސަކޮށް ފެނިގެންދެއެވެ. މިސާލަކަށް ތިބާގެ މައިދައިތަ ކައްކާ އެއްޗެހި ފިރިމީހާއަށް މީރު ވާހަކަ ދެއްކުމުން އެކަމާ ވާދަކުރުމަށް މަސައްކަތް ނުކުރާށެވެ. މިކަމަކީ އޭނާގެ ހިތަށް ތަދުވާނޭ ފަދަ ކަމެކެވެ.

އިހުތިރާމްކުރުން
މައިދައިތައަށް އިހުތިރާމް ކުރާށެވެ. އޭނާއަކީ ތިބާއަށް ވުރެ އުމުރުން ދުވަސްވެފައިވާ ހަރު މީހެއްކަން ހަނދާނުގައި ބަހައްޓާށެވެ. އޭނާ ވާނީ ތިބާއަށް ނޭނގޭ އެތަށް ކަމެއް ދިރިއުޅުމުގައި ތަޖުރިބާ ކޮށްފައެވެ. ވުމާ އެކު ވާހަކަދައްކައިގެން އެކަންތައްތައް އެނގިގަންނަން މަސައްކަތްކުރާށެވެ. އަދި މި ވާހަކަތައް ދެފަރާތުގެ ދެމެދުގައި ހިއްސާވެގެން ދިޔުމީ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާ ވެގެންދާނެ ކަމެކެވެ.

އުއްމީދުތައް މަދުކުރުން
ޒަވާޖީގޮތުން ގުޅިގެންދާ އާއިލާ އެނގި ދެނެގަތުމަށް ވަގުތުތަކެއް ނަގާނެއެވެ. އާންމުކޮށް އަލަށް އާއިލާއަކަށް އަންނަ އިރު ކިޔާ ހޫނު މަރުހަބާ ތިބާއަށް ނުލިބުނަސް އެކަމާ ދެރަވެ ހިތާމަކުރުމުގައި ވަގުތުތައް ނަގައި ނުލާށެވެ. އެއާއި ޚިލާފަށް އެ އާއިލާގެ މީހުން އިތުރަށް ދެނެގަންނަން މަސައްކަތްކޮށް ގުޅުންބަދަހި ކުރުމަށް ވަގުތުތައް ހޭދަކުރާށެވެ.

ސަމާލުކަން ދިނުން
މައިދައިތަ ގޭގައި އުޅޭ ގަޑީގައި އޭނާއަށް ރަނގަޅަށް ސަމާލުކަން ދޭށެވެ. މައިދައިތައާއި އެކު މަޑުކޮށް ވާހަކަދައްކާލައި ނުވަތަ ތަންތަން ބަލައިލުމަށް އެކުގައި ގޮސް އަދި ކެއްކުމުގައި އެހީތެރިކަމަށް ބޭނުންތޯ އަހައި އެހީތެރިވާށެވެ. އޭރުން އެކަކު އަނެކަކު ދަސްވެ އިތުރަށް ގުޅުން ބަދަހި ވެގެން ދާނެއެވެ. އަދި މައިދައިތަ އަށް ހޭހަންކުރުމުގައި ކައިރީގައި ހުންނަން އެދެފިނަމަ އުފަލާއި އެކު ކޮށްދޭށެވެ. އެގަޑިތަކުގައި ކެއްކުން އަދި ސާފުކުރުމުގެ އެހީތެރިކަން ފިރިމީހާގެ ފަރާތުން ހޯދާށެވެ.

މައުލޫމާތު ބަދަލުކުރުން
އަބަދުވެސް މައިދައިތައަށް މުހިންމު ޚަބަރުތައް އަންގާލާފަ ބަހައްޓާށެވެ. ހުރިހާ ކަމެއް ވަމުންދާ ގޮތުގެ މައުލޫމާތު ކިޔައިދޭން ވާނެއެވެ. އަދި ދުރުގައި އުޅޭނަމަ ދަރިންގެ ފޮޓޯ ފޮނުވައި ހަބަރުކޮށްދޭށެވެ. މާމާ ދަރިންގެ ފޮޓޯއެއް ނަމަވެސް ފެނުމަކީ އެމީހުން ހިތް އެދޭނޭކަމެކެވެ.

ނަސޭހަތް އަޑުއެހުން
މައިދައިތައަކީ ތިބާއަށް ވުރެ އުމުރުން ދުވަސްވެ ކަންތައްތަކުގައި ގިނަ ތަޖުރިބާ ހުންނާނެ މީހެއްކަން ހަނދާނުން ކައްސާނުލައްވާށެވެ. ވުމާއި އެކު އޭނާ ދޭ އިރުޝާދުތަކާއި ނަސޭހަތްތައް އަޑުއެހުމުގައި ފަސްނުޖެހޭށެވެ. ދައްކާ ވާހަކަތަކާއި ދެބަސްވާ ފަހަރުވެސް އަންނާނެއެވެ. އެހެން ނަމަވެސް އެކަން މައިދައިތަގެ ކުރިމަތީގައި ފާޅު ނުކުރާށެވެ. ސަބަބަކީ އެއީ މައިދައިތަ ތިބާއަށް އެހީވުމުގެ ގޮތުން ދޭ ނަސޭހަތް ކަމުގައި ވާތީއެވެ.

ދަރިންގެ ކަންކަން
މައިދައިތަ އަބަދުވެސް ދަރިން ގެންގުޅޭ ހިތް ވާނެއެވެ. ވުމާއެކު އެފުރުސަތަށް އެދޭ ނަމަ އެކަމަށް ހުރަސް ނާޅާށެވެ. ސަބަބަކީ ބައެއްފަހަރު އެމީހުންގެ އަމިއްލަ ދަރިންނަށް ވުރެ ބޮޑަށް މާމަދަރިން ދެކެ ލޯބިވާނެއެވެ.

މުއާސަލާތުކުރުން
އާއިލާ ތެރޭގައި ޖެހޭ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރާށެވެ. މީހަކު ތިބާ ހިތުގައި ޖެހޭ ފަދަ އެއްޗެކޭ ބުނި ކަމުގައިވިޔަސް އެކަން ހިތުތެރޭގައި ބާއްވައިގެން ހުއްޓަކަސް ހައްލެއް ނުލިބޭނެއެވެ. އެއާ ޚިލާފަށް މައިދައިތަ ނުވަތަ ފިރިމީހާއާ އެވާހަކައެއް ހިއްސާކޮށް އަބަދުވެސް އަވަސް ހައްލެއް ހޯދާށެވެ.

(އަސްލު: ޓައިމްސް އޮފް އިންޑިއާ، ތަރުޖަމާ: މަލާހާ ޢަލީ)