13 Oct 2014, 15:49
އެބޯލާގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވާ ހުޅަނގު އެފްރިކާގެ ތިން ގައުމު ކަމަށްވާ ލައިބީރިއާ އާއި ގިނީއާއި ސިއެރަލިއޯން އިން ރާއްޖެއަށް މީހުން އައުމާއި އެ ގައުމުތަކަށް ރާއްޖޭން މީހުން ގޮސް އުޅުން މިއަދު ސަރުކާރުން މަަނާކޮށްފި އެވެ.
މިއަދު ހަވީރު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވީ، އެބޯލާއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް މީހުން އައުން މަނާކުރާ ތިން ގައުމަށް ދިވެހިން ދިއުންވެސް މަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
" ދިވެހި ރާއްޖޭގެ އެއާޕޯޓުގައި މާދަމައިން ފެށިގެން ސްކްރީން ކުމުމުގެ ފެންވަރު މަތިކޮން ދިވެހި ރާއްޖެއަށް އަންނަ މީހުން ބެލުމުގެ ކަންކަން ވަރުގަދަ ކުރެވިގެންދާނެ. ހަމަ އެއާއެކީގައި މިހާރު ސަރުކާރުން ނިންމާފައި މިވަނީ އެންމެ ބޮޑަށް މި ބަލި ފެތުރެމުންދާ ތިން ގައުމެއް ފާހަގަކޮށް އެ ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރުމަށް. އެކަމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ސްޓޭޓްމެންޓެއް ނެރޭނެ. އޭގައި ލިޔެފަވާނެ ރާއްޖޭގެ އެއްވެސް މީހަކު އެ ސަރައްދަށް ދިއުމަކީ މަނާކަމެއް ކަމަށް، " މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެބޯލާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލިސްޓް ކޮށްފައިވާ ހުޅަނގު އެފްރިކާގެ ތިން ގައުމު ކަމަށްވާ ލައިބީރިއާ، ގިނީ އަދި ސިއެރަލިއޯން އިން ރާއްޖެ އަންނަ ފަރާތްތަކަށް 'އޮން އެރައިވަލް ވިސާ' ދޫ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ތިން ގައުމަށް ދަތުރު ނުކުރުމަށް ދިވެހިންނަ އިލްތިމާސް ކުރާ ކަމަށެވެ.
"ލައިބީރިއާ، ސިއެރަލިއޯން ނުވަތަ ގިނީއަށް ގޮސްފައި ރާއްޖެ ޒިޔާރަތްކުރާ ތިންވަނަ ގައުމެއްގެ ރައްޔިތަކަށް، އެއިން ގައުމަކަށް ޒިޔާރަތްކުރިތާ 21 ދުވަސް ނުވާނަމަ، އޮން އެރައިވަލް ވިސާ ދޫ ނުކުރާގޮތަށް ނިންމާފައި ވަނީ،" ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ވެއެވެ. "އަދި ދިވެހި އެއްވެސް ރައްޔިތަކު ލައިބީރިއާ، ސިއެރަލިއޯން ނުވަތަ ގިނީއަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރަން."
މިނިސްޓަރު ނާޒިމް ވިދާޅުވީ އެބޯލާ ބައްޔަށް ރާއްޖެއިން ތައްޔާރުވަމުންދާ ކަމަށާއި އެކަމަށް މީހުން ތަމްރީންކޮށް އަދި އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް މިހާރު ހޯދާފައިވާ ކަމަށެވެ.
" އަޅުގަނޑުމެން މިދަނީ ދިވެހިރާއްޖޭގައި މިކަމަށް [ އެބޯލާ ބަލި ފެތުރުނަ ނުދިނުމަށް] ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑުމެންގެ ތެރޭގައި މިކަމަށް ބޭނުންވާ މީހުން މިހާރު މިވަނީ ތަމްރީން ކުރެވިފައި. އެ ކަމަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ އާލާތެއް އިރާދަކުރެއްވިއްޔާ މިހާރު ވަނީ ހޯދިފައި، " ނާޒިމް ވިދާޅުވި އެވެ.