13 Oct 2014, 15:27
އޮލިމްޕިއަންސް ބޭންޑާ އެކު ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިންގެ ޝޯއެއް އޮލިމްޕަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެންސީއޭގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު ސަލީމް މިއަދު 'ސަން'އަށް ވިދާޅުވީ، މިމަހުގެ 21 އިން 22 ގެ ނިޔަލަށް އޮލިމްޕަހުގައި ބާއްވާ މި ޝޯގައި އޮލިމްޕިއަންސްގެ ބޭންޑާ އެކު ރާއްޖޭގައި މިހާރު ލަވަކިޔުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ގިނަ ޒުވާން ފަންނާނުންތަކެއް ފެނިގެންދާނެ ކަމަށެވެ.
"ޒުވާނުންނާއި އޮލިމްޕިއަންސް ބޭންޑާ އެކު ޝޯއެއް ބޭއްވުމަށް ވަރަށް ކުރިން ވެސް ބޭނުންވި. އެހެންވެ އެ ފުރުސަތު ލިބުނީމަ ޝޯއެއް މިބާއްވަނީ. މި ޝޯގައި ހުށަހަޅާނީ އޮލިމްޕިއަންސްގެ ކުރީ ގެ ލަވަތައް. އެހެންވެ ޒުވާނުން ވެސް ހަމަ އެ ލަވަތައް އެ ސްޓައިލްގައި ކިޔާނެ. ދެ ބައިމީހުން މިކްސްކޮށް ލަވަތައް ހުށަހަޅައިދެމުންދާނީ،" ސަލީމް ވިދާޅުވި އެވެ.
އޮލިމްޕިއަންސް އާ އެކު ލަވަ ހުށަހަޅައިދޭ ޒުވާން ފަންނާނުންގެ ތެރޭގައި ސަގާފީ ބޮޑު ބެރަށް އިންގިލާބެއް ގެނެސްދިން ހަރުބީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) އާއި މަޝްހޫރު ޒުވާން އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އާއި މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އާއި އިބްރާހީމް އަލީ (ކުޑަ އިއްބެ) އާއި އަހުމަދު އިބްރާޙިމް (އަންމަޑޭ) ލަމްހާ ލަތީފު އާއި ސަމާހާ މޫސާ އާއި ޔާމީން ރަޝީދުގެ އިތުރުން ދަ ފައިވްގެ ޒުވާން ލަވަކިޔުންތެރިޔާ ޝައްމޫން މުހައްމަދު ވެސް ހިމެނެ އެވެ. މީގެއިތުރުން އޮލިމްޕިއަންސް ބޭންޑްގެ ކުރީގެ ލަވަކިޔުންތެރިއެއް ކަމުގައިވާ އަބްދުއް ރައޫފު ވެސް އެ ޝޯގައި ބައިވެރިވާނެ އެވެ.
މި ޝޯގެ ޓިކެޓްް ވިއްކުމަށް ހަމަޖެހިފައިވަނީ އޮލިމްޕަހުން ކަމަށާއި ޓިކެޓްގެ އަގަކީ 150 ރުފިޔާ ކަމަށް އެންސީއޭއިން ބުންޏެވެ.