ގްރީސްގެ އުތުރުގައި އޮންނަ މުނިސިޕަލިޓީއެއް ކަމަށްވާ އެމްފިޕޮލިސްގައި، މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން މީހުން ވަޅުލުމަށް ބޭނުންކުރި ތަނަކުން އިއްޔެ އާސާރީ މޮޒައިކް ކުރެހުމެއް ފެނިއްޖެ އެވެ.

ބީބީސީ އިން އިއްޔެ ބުނިގޮތުގައި، އެމްފިޕޮލިސްގައި ހުންނަ އެ 'ބަރިއަލް ސައިޓް' ކޮނެގެން ފެނުނު މޮސައިކް ކުރެހުމަކީ އީސާގެފާނު ދުނިޔެއް ވަޑައިގަތުމުގެ ހަތަރު ގަރުނު ކުރިން (4 ވަނަ ސެންޗުރީ ބީސީގައި) ހަދާފައިވާ ކުރެހުމެއް ކަމަށް އެކުރެހުން ހޯދި އާކިއޮލޮޖިސްޓުން މައުލޫމާތުދީފައިވާ ކަމަށެވެ.

ގްރީސްއިން އާކިއޮލޮޖިސްޓުން ހޯދި ތާރީހީ ކުރެހުން -- ފޮޓޯ: ބީބީސީ

ގްރީސްއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ބަރިއަލް ސައިޓުގެ ތަޅުންގަނޑުގައި ހަދާފައިވާ އެ ކުރެހުމަކީ ފުޅާ މިނުގައި ތިން މީޓަރު ދިގުމިނުގައި 4.5 މީޓަރު ހުރި ކުރެހުމެއް ކަމަށާއި އެ ކުރެހުން ހަދާފައިވަނީ ހުދު، ކަޅު، ނޫ، ރަތް، އަޅި އަދި ރީނދޫކުލައިގެ ޕެބަލް ބޭނުންކޮށްގެން ކަަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.

އެ ކުރެހުން ހޯދި އާކިއޮލޮޖިސްޓުން ބުނިގޮތުގައި އެ ކުރެހުމުން ދައްކުވައިދީފައިވަނީ ގްރީކް މީހުން އަޅުކަންކުރަމުން އައި "ހާމީސް"، އަހެއްގައި އިން މީހަކަށް މަގު ދައްކައިދޭ މަންޒަރެވެ. އަދި ގްރީސް ކަލްޗާ މިނިސްޓްރީން ބުނިގޮތުގައި އެ ކުރެހުމުގައި ހުރި ގްރީކް ކަލާނގެ ހާމީސް އަކީ މީހުން މަރުވުމަށްފަހު އެމީހުންގެ ރޫހު ދެން އޮތް ދުނިޔެއަށް ނުވަތަ 'އާފްޓާލައިފް' އަށް ގެންގޮސްދޭ ކަލާނގެ ކަމަށްވެސް އެނޫހުގައި ވެއެވެ.
ތާރީހީ ކުރެހުން ފެނުނު ބަރިއަލް ސައިޓް -- ފޮޓޯ: ބީބީސީ

އެ ކުރެހުމުގެ މެދުގައި ރީނދޫކުލައިގެ ބޮޑު އައިބެއް އިންކަމުގައި ވިޔަސް ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި އެ ސައިޓުން ކުރެހުމުގެ ފްރެގްމަންޓްސް ހޯދައިގެން ހަލާކުވެފައި ހުރި ބައި އަލުން ހެދޭނެކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތެވެ.

މިއަހަރުގެ އޮގަސްޓް މަހު ކޮންނަން ފެށި އެ ބަރިއަލް ސައިޓަކީ ގްރީސްގެ އަވަށެއް ކަމަށްވާ މެސެޑޯނިއާގައި ކުރިން ރަސްކަން ކުރި އެލެގްޒެންޑާ ދަ ގްރޭޓްގެ މަންމާފުޅު އޮލިމްޕިއާސް ނުވަތަ އަނބިކަނބަލުން ރޮޒާނާ ވަޅުލުމަށް ހަދާފައިވާ ތަނެއް ކަމަށާއި އެހެންވުމުން އެ ސައިޓުގައި އެފަދަ އެހެން ލާމަސީލު ކުރެހުން ވެސް ހުރެދާނެ ކަމަށް ގިނަ އޮބްޒާވަރުން ގަބޫލުކުރާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.