ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާ ވަގުތު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކާއި އަދި އިދާރީ މޭޒުގައި ތިއްބަވާ ބޭފުޅުން ކޯޓު ތުރުކުރެއްވުމަށް ހަމަޖައްސަވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ކުރިއަށްދިޔަ އިރު ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިންނެވީ ކޯޓު ތުރު ކުރައްވައިގެންނެވެ. އަދި އިދާރީ ބޭފުޅުން ވެސް ތިއްބެވީ ކޯޓު ލައްވައިގެން އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާޠިމަތު ފިލްޒާ މިއަދު މަޖިލީހުގައި ކޯޓު ތުރުކުރައްވައިގެން -- ފޮޓޯ: މަޖިލިސް

'ސަން'އަށް ދެއްވި އިންޓަވިއުގައި މަޖިލީހުގެ ނައިބު ރައީސް މޫސަ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ކޯޓު ތުރުކުރައްވާ ގޮތަށް ހަމަޖެއްސެވީ އެއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އެކަން ކުރަމުން އަންނަ ގޮތް ކަމަށްވާތީ ކަމަށެވެ.

މޫސަ ވިދާޅުވީ، އާ ދައުރު ފެށިގެން ދާއިރު މަޖިލީހުގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑާއި މަޖިލީހުގެ ރައީސް މި ވަނީ ނިންމާފައި މަޖިލީހުގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ވީހާ ވެސް އަވަހަކަށް މަޖިލީހުގެ އާ އިމާރާތް ވެސް ނިންމޭތޯ. އޭރުން ޖާގައިގެ ދަތިކަމަށް ވެސް ހައްލެއް ލިބިގެންދާނެ،" މޫސާ ވިދާޅުވި އެވެ.

ނަމަވެސް މަޖިލީހުގެ އިދާރީ ހިންގުމަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކާ ބެހޭ ތަފްސީލެއް މަޖިލީހުގެ ނައިބު ރައީސް ދެއްވާފައެއްނުވެ އެވެ.