އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިއެސްއައިއެސް)އާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ތުރުކީގެ އެއާބޭސްތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ، އައިއެސްއައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ކުރާ ހަނގުރާމައިގައި، ތުރުކީގެ ވައިގެ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައިވާ އިރު، އެގައުމުގެ ދެކުނުގެ ރަށެއް ކަމަށްވާ އަޟަނާގައި އެމެރިކާއިން ގާއިމްކޮށްފައިވާ އިންޖަރު ލީކު ވައިގެ މަރުކަޒު ބޭނުންކުރުމުގެ ހުއްދަވެސް ދީފައިވާ ކަމަށެވެ.

"އެއާބޭސްތައް ބޭނުން ކުރެވޭނީ ކިހާ މިންވަރަކަށްތޯ އަދިވެސް ދަނީ މަޝްވަރާތައް ކުރިއަށް،" ނަންހާމަކުރަން ނޭދޭ އޮފިޝަލް ވިދާޅުވި އެވެ.

ތުރުކީން އެގައުމުގެ ވައިގެ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައި މިވަނީ، ތުރުކީގެ ބޯޑަރު ސަރަހައްދު ރަށެއް ކަމަށްވާ ޢައިނުލް ޢަރަބް (ކޮބާނީ) ހިމާޔަތްކުރުމަށް އައިއެސްއައިއެސްގެ ހަނގުރާމަވެރީންނާ ދެކޮޅަށް ތުރުކީގެ ކުރުދީން ވަރުގަދަ ކުރިމަތިލުންތަކެއް ފަށާފައި ވަނިކޮށެވެ.

ކޮބާނީ ހިސޯރުކުރުމަށްޓަކައި، އައިއެސްގެ ހަނގުރާމަވެރީން މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފެށި ކުރިމަތިލުންތަކުގައި 500 އަށް ވުރެ ގިން މީހުން މަރުވެފައިވާއިރު، އެ ރަށުގައި ދިރިއުޅޭ 200،000އަށް ވުރެ ގިނަ މީހުންވަނީ، ރައްކާތެރިކަން ހޯދުމަށް ބޯޑަރު ހުރަސްކޮށް އެގައުމަށް ޖަމާވެފައެވެ.

އދ.އިން ވަނީ، ހަނގުރާމަވެރީންގެ އަތްދަށަށް ކޮބާނީ ގޮސްފިނަމަ އެތަނުގައި ބޮޑު ގަތުލުއާންމެއް ހިނގައިފާނެ ކަމުގެ ބިރުވެރިކަން އޮތްކަމުގެ އިންޒާރު ދީފައެވެ.