އައްޑޫ ސިޓީގައި ތިބި ފުލުހުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފި އެވެ.

އައްޑޫ ސިޓީގައި މިހާރު ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ ވާޖިބައް ބައެއް ވެރިން ހުރަސްއަޅުއްވާ ކަމަށާއި ނަމަވެސް އައްޑޫގައި ތިބި ފުލުހުން ތިބީ ސާބިތުކަމާއިއެކު ކަމަށެވެ.

" ފުލުހުންގެ ވާޖިބަށް ބައެއް ވެރިން ހުރަސްއަޅުއްވަމުން ގެންދަވާއިރުވެސް ސާބިތުކަމާއެކު އައްޑޫ ސިޓީގައި މަސައްކަތްކުރައްވާ ފުލުހުންނަށް ޝުކުރު އަދާކުރަން،" ކުރީގެ ރައީސް ނަޝީދު ކުރެއްވެވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އައްޑޫ ސިޓީއަށް ނަޝީދުއާއި އެމްޑީޕީގެ އިސް ބައެއް މެމްބަރުން ވަޑައިގެން ފޭދޫގައި އެ ޕާޓީގެ ޖަލްސާއެއް ބާއްވަމުން ދަނިކޮށް އެ ޖަލްސާއަށް ބަޔަކު ވަނީ ހުރަސްއަޅައިފަ އެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އަދި ހިތަދޫގައި ނަޝީދު ހުންނެވި ގެކޮޅަށް ރޭގެ ވަގުތެއްގައި ބަޔަކު ވަނީ ގާ އުކައިފަ އެވެ.

ސައުތު ޕޮލިސް ޑިޥިރަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ރައީސް ނަޝީދު ހުންނެވި ގޭގެ ކައިރީގައި ރޭ 9:00 އިން ފެށިގެން ފަތިސްވުމާއި ހަމައަށް ފުލުހުން ތިބި ކަމަށެެވެ. އަދި އައްޑޫ ސިޓީގައި ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.

" ރޭގެ 9:00 އިން ފެށިގެން ފަތިސް ވުމާއި ހަމައަށް ވެސް ފުލުހުން ތިބި. އަދި އެމަނިިކުފާނުގެ މޫވްމަންޓްތައް ވެސް ފުލުހުން ބަލަމުންގެންދާނެ. ކަމެއްވުމަކީ އެހެން ކަމެއް،" އޭނާ ވިދާޅުވި އެވެ.