13 Oct 2014, 14:16
ދިވެހި ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކޮށް ޒުވާނުން އެ ކުޅިވަރުތަކަށް އަހުލުވެރިކުރުވުމަށް ޝައުގުވެރިވާ ކަމަށް ވ. ފެލިދޫ ސަގާފީ ކުޅި ކުރިއަރުވަން މަސަައްކަތް ކުރާ އަމިއްލަ ޖަމިއްޔާއަކުން ބުނެފި އެވެ.
ފެލިދޫގައި ސަގާފީ ކުޅިވަރުތައް ކުޅެ އެ ކުޅިވަރުތައް ދިރުވައި އާލާ ކުރުމުގައި މަސައްކަތްކުރާ ޒެޑް ޖަމިއްޔާއިން މިކަމަށް އެއްބަސްވެފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މިދިޔަ ހަފްތާގައި ފެލިދުއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ކުޅިވަރު ކުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާ ތަކުގަ އެވެ.
އެ ކުޅިވަރުތަކުގެ ތެރޭގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ސަގާފީ ބައެއް ކުޅިވަރުތައް ކަމަށްވާ ގާއޮޑި ލަވައާއި ދަނޑިޖެހުމާއި މާފަތި ނެށުމާއި ތާރަ ޖެހުން ފަދަ ކުޅިވަރުތައް ހިމެނެ އެވެ.
ފެލިދޫގައި ކުޅެމުންދާ ސަގާފީ ކުޅިވަރުތަކަށް ޒުވާނުން އަހުލުވެރި ކުރުވައި، ކުޅިވަރުގެ ގުރޫޕްތައް އުފެދިއްޖެ ނަމަ އެފަދަ ގުރޫޕުތްކުގެ އެހީގައި ރާއްޖޭގެ އެކިއެކި ރިސޯޓުތަކުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވި ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެތީ އެކަމުގައި ފުލުހުންނާ އެކު ގުޅިގެން މަސައްކަތް ކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެއްބަސް ވެފަ އެވެ.
މިކަމުގެ ސަބަބުން ޒުވާނުންނާއި ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް އަމާން މާހާއުލެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ފެލިދޫގެ ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ކަމަށް މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ފެލިދޫގައި ކުޅިވަރު ކުޅޭ ފަރާތްތަކުގައި ދަންނަވާފަ އެވެ.
ޒެޑް ޖަމިއްޔާ އާއި ފެލިދޫ ރައްޔިތުން ގުޅިގެން ހިންގާ ސަގާފީ ކުޅިވަރުގެ މި ހަރަކާތްތައް ދިރުވައި އާލާކުރުމަށާއި ޒުވާނުންނަށް މިކަމުގެ ތަމްރީނު ދިނުމަށް މަގު ފަހިކުރުމުގައި ފުލުހުންގެ ފަރާތުން ވެދެވެން ހުރި އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.
ފެލިދޫއަކީ ޒަމާނުއްސުރެ ބޮޑު ބެރު ޖެހުމާއި ތާރަޖެހުމާއި ދަނޑި ޖެހުމާއި މާފަތި ނެށުމާއި ގާއޮޑި ލަވައާ އެފަދަ ތަފާތު ސަގާފީ ކުޅިވަރުތަކަށް މުޅި ރާއްޖޭގައި ނަން މަޝްހޫރު ރަށެކެވެ.