13 Oct 2014, 14:02
އިނގިރޭސި ޕްރިމިއާ ލީގުގައި ލަންޑަންގެ ދެ ކްލަބް ކަމަށްވާ އާސެނަލް އާއި ޗެލްސީ ބައްދަލުކުރި މެޗުގައި އާސެނަލްގެ ކޯޗު އާސެން ވެންގާ އާއި ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި ދެމެދު ހިނގި ހަމަނުޖެހުމުގެ ޒިންމާ ނަގައި މޮރީނިއޯގެ ކިބައިން ވެންގާ މާފަށް އެދިއްޖެ އެވެ.
" އަހަރެންނަށް އިނގޭ ކުރެވުނީ ކުށެއް ކަން. ފުޓްބޯޅަ ދަނޑެއްގައި އެކަހަލަ އަމަލެއް ކޮށްގެން ނުވާނެ އަސްލު. އަހަރެން މިއަދާ ހަމައަށްވެސް އެކަހަލަ ހުރިހާ އަމަލެއް ކުއްވެރި ކުރިން. އެހެންވެ އަހަރެންނަށް ކުރެވުނު ކަންތަކަށް މާފަށް އެދެން،" ޓެލްފޫޓް އަށް މައުލޫމާތު ދެމުން ވެންގާ ބުންޏެވެ.
ޕްރިމިއާ ލީގުގެ ކޯޗުންގެ ތެރެއިން އެންމެ ދުވަސްވީ ކޯޗު ކަމަށްވާ ވެންގާ ބުނީ އެދުވަހު ޗެލްސީގެ ޓެކްނިކަލް އޭރިއާގެ ތެރެއަށް ނުވަންނަ ކަމަށާއި އެހިސާބަށް ދިޔައީ އެެއްގޮތަކަށްވެސް ހަމަނުޖެހުންގަޑެއް އުފައްދަން ޚިޔާލުކޮށްގެން ނޫންކަމަށެވެ.
ވެންގާ މިހެން ބުނެފައިވަނީ މިދިޔަ މަހު ކުޅުނު މެޗަށްފަހު އޮތް ޕޯސްޓް މެޗް ކޮންފެރެންސްގައި އޭނާގެ ފަރާތުން މެޗުގައި ގޯހެއް ހެދުނު ކަމަކަށް ޤަބޫލް ނުކުރާ ކަމަށްބުނެ ވާހަކަދައްކާފައި ވަނިކޮށެވެ.
އާސެން ވެންގާ އާއި ވާދަކޮށް އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައިނުވާ މޮރީނިއޯ ބުނީ އެވަގުތު ކަންތައްތައް ހިނގައިދިޔަ ގޮތް އެންމެނަށް ވަރަށް ރީއްޗަށް ފެންނާނެ ކަމަށާއި ދެން އިތުރަށް އެކަމާ ބެހޭގޮތުން ވާހަކަދައްކަން ބޭނުން ނުވާ ކަމަށެވެ.
" ވެންގާ ދެން މިކަމައިގެން އުޅޭނީ. އެންމެންނަށް ފެންނާނެ އެވަގުތު ކަންތައްތައް ހިނގައިދިޔަ ގޮތް. އަހަރެންނަށް ދެން އިތުރަކަށް ނޭނގެ މި އެނބުރޭ ފޮޓޯ ތަކުން މިފެންނަ މަންޒަރު ބުނެދޭކަށް. މިކަމާ ބެހޭގޮތުން އިތުރަށް ބަހުސް ކުރަން ބޭނުމެއް ނުވޭ،" މޮރީނިއޯ ބުންޏެވެ.
ލަންޑަންގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު އެ މެޗުން ހަޒާޑާއި ކޮސްޓާގެ ލަނޑުތަކުން އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދީ 2-0 ންނެވެ.