23 Jan 2011, 18:39
އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރާ ބޭހާއި ކުޅިވަރުގެ ސާމާނުގެ އިތުރުން އައިޓީގެ ދާއިރާއިން ދޭން އެއްބަސްވި އެހީގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހެނދުނު ހާމަކުރެއްވިއިރު، ބައެއް އޮޅުންތައް ހުރި ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނެފި އެވެ.
ފަސްޓް ސެކްރެޓަރީ ނަރަޔަން ސުވާމީ ވިދާޅުވީ، އިންޑިއާ ސަރުކާރުން ދޭ އެހީގެ އަދަދުތައް ހުރީ ޑޮލަރާއި ރުޕީސް އިން ކަމަށްވާތީ، އެ އަދަދުތައް ރައީސަށް އޮޅިވަޑައިގެން "މިކްސް" ކުރެއްވުނީ ކަމަށް ވެދާނެ ކަމަށެވެ.
~
ނަރަޔަން ވިދާޅުވީ، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މިއަދު ސޮއިކުރި އެގްރިމެންޓްގެ ދަށުން އައިޓީގެ ދާއިރާއިން 5.3 މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށެވެ. އަދި 10.6 މިލިއަން ރުޕީސްގެ ފާމަސޫޓިކަލް ނުވަތަ ޑޮކްޓަރީ ބޭހާއި 7 މިލިއަން ރުޕީސްގެ ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް، ނޫސްވެރިންނަށް ސުވާލު ނުކުރެވޭ ގޮތަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ދޭ އެހީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފަސް މިލިއަން ޑޮލަރުގެ ކުޅިވަރު ސާމާނު އިންޑިއާ އިން ހަދިޔާކުރާނެ ކަން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، އިންޑިއާ އިން އަސްލު ހަދިޔާކުރަނީ ގާތްގަނޑަކަށް ދޮޅު ލައްކަ އެއްހާ ޑޮލަރުގެ ކުޅިވަރު ސާމާނެވެ.
މީގެ އިތުރުން "އެޑިޔުކޭޝަން ކެޕޭސިޓީ ބިލްޑިންގ ޓު ޕްރޮމޯޓް ޓެކްނޮލޮޖީ އެޑަޕްޓޭޝަން އިން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" އެގްރީމެންޓްގައި ވަނީ ހަތް މިލިއަން ޑޮލަރުގެ އެހީ ވެދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، އެ އެގްރިމެންޓުގައި އޮތީ 5.3 މިލިއަން ޑޮލަރެއްގެ ވާހަކަ އެވެ. އެއީ ދަރިވަރުންނަށް، ވަކިން ޚާއްސަ ގޮތެއްގައި އަތޮޅުތަކުގައި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮނގުތަކަށް އަހުލުވެރި ކުރުވުމުގެ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް އިންޑިއާ އިން ދޭ އެހީއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އަދި ގާތްގަނޑަކަށް 200،000 ޑޮލަރުގެ (9.14 މިލިއަން ރުޕީސްގެ) ޑޮކްޓަރީ ބޭސް އިންޑިއާ އިން ހަދިޔާކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އިންޑިއަން ހައި ކޮމިޝަނުން މިއަދު ހަވީރު ބުނީ، އިންޑިއާ އިން ހަދިޔާކުރަނީ 10.6 މިލިއަން ރުޕީސްގެ ބޭހުގެ ސާމާނު ކަމަށެވެ.
"އަޅުގަނޑަށް އަންޑަސްޓޭންޑްވާ ގޮތުގައި ކުޅިވަރު ސާމާނަށް އެކަނި ފަސް މިލިއަން ޑޮލަރު އަރާނެ. އަދި ފާމަސޫޓިކަލް (ޑޮކްޓަރީ ބޭހުގެ ސާމާނު) ގެ އަގު އުޅޭނީ ގާތްގަނޑަކަށް 200،000 ޑޮލަރު ހިސާބުގައި. އައިޓީ އެގްރިމެންޓް ]އެހީގެ އަގު[ އުޅެނީ ހަތް މިލިއަން ޑޮލަރު ހިސާބުގައި. އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން އިންޑިއާ އިން ދިން މި އެހީތެރިކަމަށް،" ރައީސް އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓަށް މެންދުރު ފަހުން އެރުވި ޚަބަރުގައި އިންޑިއާ އިން ސަރުކާރުން ދޭ އެހީގެ އަދަދުތައް އޮތީ ރަނގަޅަށެވެ. އެހެންނަމަވެސް، އޭގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ރައީސް ނަޝީދާ ހަވާލާދީ ނުބައި އަދަދުތަކެކެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ، ރައީސް ވިދާޅުވި އަދަދުތަކުގައި "އެގޮތަށް ފަރަގުތައް އުޅުމަކީ އެކަށީގެންވާ ކަމެއް" ކަމަށެވެ. އެއީ އާއްމު ގޮތެއްގައި އެގްރިމެންޓްތައް ހަދާއިރު ޖަހައި އަދަދުތަކާ ފުރަތަމަ ދޭން ބުނާ އަދަދުތައް ތަފާތުވުމުން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ. "މިހާރު ރަނގަޅު އަދަދުތައް އަޅުގަނޑުމެންވާނީ ވެބްސައިޓަށް އަރުވައިފައި."