މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 50 ރަށެއްގައި އާންމުންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުމަށް ކޮމިއުނިޓީ-އީ ސެންޓަރު (ސީއީސީ)ގެ ޚިދުމަތް ރަސްމީކޮށް ތައާރަފު ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ޓްރޭޑާސް ހޮޓެލްގައި އޮތް ސާކް ތިން ވަނަ އިމްޕްލިމެންޓިން އޭޖެންސީގެ ބައްދަލުވުމުގެ ހަވާސާގައި މީޑިއާއަށް މައުލޫމާތުދެއްވަމުން އަޝްމަލީ ވިދާޅުވީ، ޑިސެމްބަރު މަސް ފެށުމުގެ ކުރިން 50 ރަށެއްގައި ރަސްމީކޮށް ސީއީސީގެ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޑިސެމްބަރު މަސް ފެށުމުގެ ކުރީގައި 50 ކޮމިއުނިޓީ-އީ ސެންޓަރުގައި އެކްޓިވްކޮށް ޚިދުމަތް ދޭން ފެށުން. ނަމަވެސް ޑިސެމްބަރުގެ 31 އެއީ އެންމެ ފަހު ތާރިޙު. އެތާރީހަށް ވާންވާއިރަށް ހުރިހާ ރަށަކުން ވެސް ލިބޭނެ،" އަޝްމަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ޕްރޮޖެކްޓެއް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ ރަށްތަކުގައި މީހުންނަށް އެކި ކަހަލަ ފުރުސަތުތައް ހުޅުވާލުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގެ ކިޔަވާ ކުދިންނަށް އަދި އެކި ދާއިރާތަކުގެ ބޭފުޅުންނަށް އެކިކަހަލަ ފުރުސަތުތަކެއް ހުޅުވާލަ ދިނުން. އެއީ ހަމަ އެކަނި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ބޭއްވުމެއް ނޫން. މީގެ އިތުރުން އެކި ކަހަލަ ޓްރޭޑް ރިލޭޓެޑް ފުރުސަތުތަކެއް ވެސް ހުޅުވައިދިނުން،" އަޝްމަލީ ވިދާޅުވި އެވެ.

އަޝްމަލީ ވިދާޅުވީ، 45 ރަށެއްގައި މިހާރު ސީއީސީގެ ޚިދުމަތް ލިބެމުންދާ ކަމަށާއި ބާކީ ފަސް ރަށުން ވެސް އަންނަ މަސް ނިމުމުގެ ކުރިން ޚިދުމަތް ލިބިގެން ދާނެ ކަމަށެވެ.

"މިހާރު 50 ރަށުގެ ތެރެއިން 45 ފަސް ރަށަކުން އެ ޚިދުމަތް ބޭނުން ކުރެވޭނެ. ބާކީ ފަސް ރަށް އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މި ފަސް ރަށަށް ވެސް ޚިދުމަތް އެއްކޮށް ދެވޭތޯ،" އަޝްމަލީ ވިދާޅުވި އެވެ.