13 Oct 2014, 12:52
ރާއްޖެ އަށް އެތެރެކުރުމަށް ގެންނަ ކާބޯތަކެތީގެ ތެރެއިން ލޭބަލް ކުރުމުގެ މިންގަނޑުތަކާ ހިލާފަށް ހުންނަ ތަކެތި އެތެރެކުރުމުގެ ހުއްދަ ދިނުން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެޗްޕީއޭއިން މިމަހުގެ ދެވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބޭރު ގައުމުތަކުގެ މާކެޓަށް ތައްޔާރުކޮށް، އެ ގައުމެއްގެ ބަހަކުން ލިޔެފައި ހުންނަ ކާބޯތަކެތި ރާއްޖެ އަށް އެތެރެކުރުމަށް އެތަކެތި ގަތުމަށް ފަހު އެެތެރެކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި އެ އެޖެންސީގެ އިންޓަނޭޝަނަލް ބޯޑާ ހެލްތު ސެކްޝަންގެ ޕޯޓް ހެލްތު ޔުނިޓްތަކަށް ބައެއް ފަރާތްތަކުން ހުށަހަޅަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވާތީ އެގޮތަށް ހަމަޖައްސައިދެމުން އަންނަ އައުން ހުއްޓާލުމަށް ގަސްތުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ އިނގިރޭސި ނުވަތަ ދިވެހި ބަހުން ނޫން ބަހަކުން ލޭބަލްކޮށްފައިވާ ހުންނަ ބޭރު ގައުުމުތަކުގެ ކާބޯތަކެތި ވަކި އުސޫލެއްގެ ދަށުން އެތެރެ ކުރުމުގެ ހުއްދަ ދެމުން އައިސްފައިވާ ކަމަށާއި އެތަކެތި، އެތެރެކުރުމުގެ ހުއްދަ ދެމުން ގެންގޮސްފައި ވަނީ އާންމު ރައްޔިތުންގެ ސިއްހަތަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާނޭ ފަަދަ ގޮތަކަށް ކަމަށެވެ.
އެގޮތުން އެފަދަ ތަކެތި އެތެރެ ކުރަމަށް ހުއްދަދިނުމުގައި އެތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް އެއީ ކޮން އެއްޗެއްކަމާއި އެކުލެވިގެންވާ ބައިތަކާއި މާއްދާތަކާއި އަދި ތާރީހު އެނގޭނެ ގޮތަކަށް ލޭބަލްކޮށްފައި ހުރިތޯ ބަލަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އެގޮތަށް އެކަންތައް ކުރަމުން އަންނަނީ އެފަދަ ތަކެތި އެތެރެ ކުރާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން އެހެން ބަސްބަހުން ލޭބަލްކޮށްފައި ހުންނަ ތަކެތި ވެސް އެތަކެތި އުފެއްދި ފަރާތަކުން ލޭބަލްކުރުމުގައި ހުންނަންވާ ތަފްސީލީ މައުލޫމާތުތައް ހިމެނޭ ގޮތަށް އިނގިރޭސި ބަހުން ލިޔެފައިވާ އަސްލު ލިޔުމެއް ފޯރުކޮށް ދިނުމުން އެޗްޕީއޭއިން ވަނީ އެފަދަ ތަކެތި ދޫކުރަމުން ގެންގޮސްފަ އެވެ.