ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް އިން އިންތިޒާމް ކޮށްގެން އޮފީސް ތަކުގެ މެދުގައި ބާއްވާ ނެޓްބޯޅަ މުބާރާތް އިއްޔެ ހަވީރު ފަށައިފި އެވެ.

އެކްސެލް އެނާޖީ ޑްރިންކް އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ނަމުގައި ބާއްވާ މި މުބާރާތުގައި ޖުމްލަ ބާރަ ޓީމަކުން ބައިވެރިވެފައިވާއިރު އިއްޔެ ވަނީ ދެމެޗު ކުޅެފައެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު ޖެންޑާ މިނިސްޓްރީ އާ ވާދަކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޓީމް ކާމިޔާބުކޮށްފައިވަނީ 38-4 ންނެވެ. އަދި ދެވަނަ މެޗުގައި ހައުސިންގް މިނިސްޓްރީގެ މައްޗަށް ދިރާގުން ކުރިހޯދީ 27-25 އިންނެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަ ޓީމުގެ މައްޗަށް ހިމެނޭ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ސެމީ ފައިނަލަށް ދާ ގޮތަށެވެ.

ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ އެމްއެންޑިއެފް، ދިރާގު، ބީއެމްއެލް، ޖެންޑާ މިނިސްޓްރީ، މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގް އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ( މީރާ)، ކަސްޓަމްސް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު، މިނިސްޓްރީ އޮފް ފިނޭންސްގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުގެ ޓީމެވެ.