ބްރެޒިލް އަށް އުފަން ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ގައުމީ ޓިމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލް ފެނިގެންދިޔަ މެޗުގައި ލަގްޒަމްބާގް ގެ މައްޗަށް ސްޕެއިން ކުރިހޯދައިފި އެވެ.

ޔޫރޯ ކޮލިފަޔާސްގައި ރޭ ސްޓޭޑް ޑޭ ބާތެލްގައި ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން ލަގްޒެމްބާގް ބަލިކުރީ 4-0 ގެ ނަތީޖާ އަކުންނެވެ.

ޒުވާން ގިނަ ކުޅުންތެރިން ސްޕެއިންގެ ފުރަތަމަ އެގާރައިން ފެނުނު މެޗުގައި އެޓީމުން ޖެހި ފުރަތަމަ ގޯލް މެޗުގެ 27 ވަނަ މިނިޓުގައި މިޑްފީލްޑަރު ޑޭވިޑް ސިލްވާ ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް 42 ވަނަ މިނިޓުގައި ލީޑު ފުޅާކޮށްދިނީ ޕާކޯ އަލްކާސާ އެވެ.

ދަނޑުމަތީގައި ގޯލެއް ކާމިޔާބުނުކުރެވި 515 މިނިޓު ހަމަކުރުމަށްފަހު ފޯވަޑް ކޮސްޓާ ވަނީ ސްޕެއިން ޖާޒީގައި އެންމެފަހުން އޭނަގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައެވެ. ޗެލްސީ ކުޅުންތެރިއާ ގޯލް ޖަހައިފައި ވަނީ ދެވަނަ ހާފުގެ 69 ވަނަ މިނިޓުގައެވެ.

މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖުއާން ބެނާޓް ވަނީ ލަނޑެއް ޖަހައި ސްޕެއިން އަށް 4-0 ގެ ބޮޑު ލީޑެއް ހޯދައިދީފައެވެ. މިއީ ޒުވާން ބެނާޓް ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.

މެޗުގައި މިނޫންވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ސްޕެއިން ޓީމަށް ލިބިފައި ވެއެވެ. ޚާއްސަގޮތެއްގައި ފުރަތަމަ ހާފުގައި ޕްރިމިއާ ލީގުގެ ޓޮޕް ސްކޯރާ ކޮސްޓާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކު ސްޕެއިން ވަނީ ޔޫރޯ ކޮލިފަޔާސްގެ ގްރޫޕް އީގައި ހަ ޕޮއިންޓާއެކު ދެވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ލަގްޒަމްބާގް ޕޮއިންޓަކާ އެކު ގްރޫޕްގެ ފުލުގައި އޮތް އިރު އެންމެ ކުރީގައި އޮތީ ރޭ 3-1 ން ބެލަރުސްގެ މައްޗަށް ކުރިހޯދި ސްލޮވާކިއާ އެވެ.