ދިވެހި ސިފައިންނަށް ތަމްރީނު ހޯދައި ދިނުމުގައި ގިނަ ކުރިއެރުންތަކެއް ލިބި އެކަމަށް މިހާރު އިންގިލާބެއް ގެނެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އައު ކޮމްބެޓް ޔުނިފޯމް ތައާރަފް ކުރުމަށް ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސިފައިން އަސާސީ ތަމްރީނުތައް ނިންމާ ޔުނިޓްތަކާ ގުޅި އެ ޔުނިޓްތަކުގައި މަސައްކަތް ކުރަން ފަށާއިރު ބޭނުންވާ ބޭސިކް ކޯސް މިހާރު ދިވެހި ރާއްޖޭގައި ފުރިހަމަ ކުރެވޭކަން ފާހަގަކުރާ ކަމަށާއި ބޭރުގައުމުތަކަށް ބަރޯސާވާ ބަރޯސާވުން މިހާރު ނިމިފައިވާ ކަމަށެވެ.

"ދިވެހި އަސްކަރިއްޔާ އަށް ބޭނުންވާ ތަމްރީނު މިއަދު ދިވެހި ފަސްގަނޑުގައި ހުރިހާ ސިފައިންނަށް ދެވެމުން އަންނަ ކަމީ މިއަދު އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ދިވެހި އަސްކަރިއްޔާގެ އަސްކަރީ ތަމްރީނުތަކުގައި މިވަނީ އިންގިލާބެއް ގެނެވިފައޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ އިންގިލާބު ގެނެވޭ ތަންތަނުގެ ތެރޭގައި ޅ. މާފިލާފުށީގައި އިމާރާތް ކުރާ ކޯސްޓްގާޑް މެރިންކޯ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ފެށޭ ހިސާބުގައި އެތަނުގައި ސިފައިންނަށް ތަމްރީނު ފެށޭވަރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މި އަހަރު ވެސް މިހާތަނަށް ސިފައިންނަށް ހާއްސަކޮށް ގިނަ ތަމްރީނުތަކެއް ހިންގާފައިވާކަން އުފަލާ އެކު ފާހަގަކުރާ ކަމަށާއި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ހަތަރު އެކްސަޒައިޒެއް ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ނާޒިމް ފާހަގަކުރެއްވި އެވެ.