އިންޑިއަން ސުޕަ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މުމްބާއީ އެފްސީގެ މައްޗަސް ކުރި ހޯދައި އެތުލެޓިކޯ ޑި ކޮލްކަތާ އިން ފެށުން ރަނގަޅު ކޮށްފި އެވެ.

އިއްޔެ ހަވީރު ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު މެޗް ކޮލްކަތާ ޓީމުން ކާމިޔާބުކުރީ 3-0 ންނެވެ. އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ސޫރަވް ގަންގޫލީގެ ޓީމުން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި އެމީހުންނަކީ ލީގު ކާމިޔާބުކުރެވޭނެ ފެންވަރު ހުރި ޓީމެއްކަން ދައްކާލާފައެވެ.

މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 27 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އިތިއޯޕިއާގެ ފޯވަޑް ފިކްރޫ ޓެފޭރާ އެވެ. ދެވަނަ ހާފުގެ 69 ވަނަ މިނިޓުގައި ބޯޖާ ފަރްނަންޑޭޒް ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިންއިރު ކޮލްކަތާ އިން މެޗުގައި ޖެހި ތިން ވަނަ ގޯލް އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ފިކްރޫ ނަގައިދިން ހުރަހަކުން އަރްނަލް ލިބާޓް އެވެ.

މެޗުގައި ކޮލްކަތާއަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. މިގޮތުން ފުރަތަމަ ހާފުގައި މުމްބާއީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ ކުޅުންތެރިއާ ބޯޖާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒުނުވެ ބޭރަށް ދިޔައިރު އޭގެ އިރުކޮޅެއްފަހުން ފޯވަޑް ފިކްރޫ ފޮނުވާލި ބާރު ބޯޅަ މުމްބާއީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗު ނިމެން ކައިރިވެފައި ވަނިކޮށް ނަތީޖާ ފުޅާ ކޮށްދިނުމަށް ކޮލްކަތާގެ މިޑްފީލްޑަރު ފްރައިޑްރިޗް އަށް ލިބުނު ފުރުސަތު ގެއްލުވާލީ ބޯޅަ ދަނޑި މަތިން ބޭރަށް ފޮނުވާލައިގެންނެވެ.

ކުލަގަދަ ރަސްމިއްޔާތަކާ އެކު އިންޑިއަން ސުޕަ ލީގު އިއްޔެ ފެށިއިރު މިފަހަރުގެ ލީގުގައި ކުރިން ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅުނު މަޝްހޫރު ކުޅުންތެރިން ފެންނާނެއެވެ. މީގެ ތެރޭގައި ކުރިން ޗެލްސީގައި ކާމިޔާބީ ތަކެއް ހޯދި ފްރާންސްގެ ފޯވަޑް ނިކޮލަސް އަނެލްކާ ހިމެނެއެވެ.