13 Oct 2014, 11:20
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން އެކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާގެ އަށް މެމްބަރުންނާއި އާންމުންގެ ހަތް މެމްބަރުންގެ މައްޗަށެވެ. އާންމު މެމްބަރުންގެ ގޮތުގައި ބަލަނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެންނެވެވެ. އޭގެތެރޭގައި އިސްލާމްދީނުގައި ހައްދުކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށާއި ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެސް އެ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. އަދި އެމީހަކީ ޚިޔާނާތާއި ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި އަޚުލާގު ރަނގަޅު މީހަކު ކަމުގައި ވާންޖެހޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
އެ އިއުލާނުގައި ވަނީ އާންމު މެމްބަރުންގެ ގޮތުގައި މިނިސްޓަރު ކަނޑައަޅުއްވާ 14 ނަމުގެ ތެރޭގައި، ގާނޫނީ ދާއިރާ އިން ނުވަތަ އިލްމީ ދާއިރާ އިން ނުވަތަ އިޖުތިމާއީ ސައިންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި ޚާއްސަގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާއި ނުކުޅެދުންތެރިކަމަށް މަސައްކަތް ކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް ވެސް އިސްކަން ދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ހޯމް މިނިސްޓްރީން ބުނެފައި ވަނީ، މީގެކުރިން މީޑިއާ ކައުންސިލަށް ކުރިމަތިލުމަށްޓަކައި މެންބަރުކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން އަލުން މެންބަރުކަމަށް އެދި ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.