އެމްޑީޕީގެ ޓިކެޓްގައި މައްޗަންގޯޅި ދެކުނު ދާއިރާ އަށް މެންބަރަކު ކުރިމަތިލައްވާފައިވަނިކޮށް އެ ދާއިރާ އަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ އައިޝަތު ޝެރީން އެ ޕާޓީން މިއަދު ވަކިކޮށްފި އެވެ.

ސެރީން ޕާޓީން ވަކިކުރިކަން އިއުލާންކުރުމަށް މިއަދު އެ ޕާޓީން ނެރުނު ނުސްބަޔާނެއްގައި ބުނަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ ޕާޓީ ޓިކެޓް މއ. ގޮމަށިގޭ ސަރަނގު އާދަމް މަނިކަށް ޕްރައިމަރީއަކުން ލިބިފައިވަނިކޮށް އެމްޑީޕީގެ މެންބަރަކަށް ހުރެ މއ. ބޯޅަކިންކިރިމާގެ އައިޝަތު ޝެރީން ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އެދާއިރާ އަށް ކުރިމަތިލުމާއި އެމްޑީޕީ އާއި ޕާޓީގެ ކެންޑިޑޭޓްގެ އަބުރާއި އިއްޒަތަށް ބުރޫއަރާ ގޮތަށް ހަޤީގަތާއި ޚިލާފުވާހަކަތައް އާންމުކޮށް މީހުންގެ ގާތުގަ އާއި މީޑިޔާތަކުގައި ދެއްކުމާއި އެދާއިރާގެ ރައްޔިތުންގެ ގޭގެއަށް ގޮސް ދަށްފެންވަރުގެ ބަހުރުވައިން ޕާޓީގެ ކެންޑިޑޭޓާއި ޕާޓީ އަށް ނިސްބަތްވާ ގޮތަށް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާތީ ޝެރިން އެމްޑީޕީން ވަކިކުރީ ކަމަށެވެ.

"މިގޮތަށް ފިޔަވަޅުއަޅާ ކޮމިޓީން ނިންމެވީ، މައްޗަންގޮޅީ ދެކުނުދާއިރާގެ ޕާޓީ ޓިކެޓް މއ. ގޮމަށިގޭ ސަރަނގު އާދަމް މަނިކަށް ޕްރައިމަރީއަކުން ލިބިވަޑައިގަނެފައި ވަނިކޮށް އެމްޑީޕީގެ މެންބަރަކަށް ހުރެ މއ . ބޯޅަކިންކިރިމާގެ އައިޝަތު ޝެރީން ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އެދާއިރާއަށް ކުރިމަތިލުމާއި އެމްޑީޕީ އާއި ޕާޓީގެ ކެންޑިޑޭޓްގެ އަބުރާއި އިއްޒަތަށް ބުރޫއަރާގޮތަށް ހަޤީގަތާއި ޚިލާފުވާހަކަތައް އާންމުކޮށް މީހުންގެ ގާތުގަ އާއި، މީޑިޔާތަކުގައި ދެއްކުމާއި އެދާއިރާގެ ރައްޔިތުންގެ ގޭގެއަށް ގޮސް ދަށްފެންވަރުގެ ބަހުރުވައިން މިޕާޓީގެ ކެންޑިޑޭޓާއި ޕާޓީއަށް ނިސްބަތްވާގޮތަށް ތަކުރާރުކޮށް ދައްކަމުން ގެންދާތީ އެވެ. އަދި މިއީ ޕާޓީ ނިޒާމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކަނޑައެޅިގެން ހުރަސްއަޅާކަމަކަށް ވީތީ އެވެ،" އެމްޑީޕީގެ ނޫސްބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ނިންމުމާ ގުޅޭ ގޮތުން ޝެރީން މިއަދު ވިދާޅުވީ ފިޔަވަޅު އަޅާކޮމެޓީން ނިންމާފައި އެއޮތީ އެބޭފުޅުންނަށް ފެންނަ އެންމެ ރަނގަޅު ގޮތަށް ކަމަށާއި ކޮމެޓީން އެއްވެސް ފަހަރަކު އޭނާއާ ބައްދަލުކޮށް އެކަމުގައި ސުވާލުކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް ރަސްމީކޮށް އަދި ނާންގާ ތިޔަ ވާހަކައެއް. އެގޮތަށް ނިންމެވިއްޔާ ބުނާނީ އެ އޮތީ ކޮމެޓީއަށް އެންމެ ރަނގަޅު ގޮތަށޭ ނިންމަވާފައި. އެކަމާ އަޅުގަނޑު ކީކޭތޯ ބުނާނީ. އެކަމަކު އެއްވެސް ފަހަރަކު އަޅުގަނޑާއި ކޮމެޓީއަކުން މީގެ ކުރިން ސުވާލުކޮށްފައެއް ނެތް." ޝެރީން ވިދާޅުވި އެވެ.

ޝެރީން ޕާޓީން ވަކިކުރުމަށް ކޮމެޓީން ނިންމި ބައެއް ސަބަބުތަކާ ގުޅޭ ގޮތުން ޝެރީން ވިދާޅުވީ އެކަމަނާ އެއްވެސް އިރެއްގައި ސަރަނގު އާދަމް މަނިކުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކަވާފައި ނޯންނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައިގެން އުޅުއްވަނީ ޕާޓީއަށް ދެރައެއް ދިނުމުގެ ނިޔަތެއްގައި ނޫން ކަމަށެވެ.

"ސަރަނގު އާދަމް މަނިކުގެ އަބުރާބެހިފައި އޮތިއްޔާ އަޅުގަނޑު ބެހިފަ އޮންނާނީ އިންތިހާބުގައި އަޅުގަނޑު އޭނާއާ ވާދަކުރުމުން. އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައަކީ އަޅުގަނޑު އަބަދުވެސް ނިކުންނާނަމޭ ސަރަނގު އާދަމް މަނިކާ ދެކޮޅަށް. ވީވަރަކުން މަސައްކަތް ވެސް ކުރާނަމޭ. އެއީ އެބޭފުޅާ އެ އުޅުއްވަނީ ފައިސާ އާއި ނުފޫޒުން." ޝެރީން ވިދާޅުވި އެވެ.

ޝެރީން ވިދާޅުވީ އޭނާ ޕާޓީން ވަކިކުރުމުން އިންތިހާބު ކާމިޔާބު ކުރުމަށް އިތުރަށް ފަސޭހަވެގެން ހިނގައްޖެ ކަމަށެވެ.
އެމްޑީޕީން މިއަދު ބުނެފައި ވަނީ ޝެރީންގެ މައްސަލައިގެ އިތުރުން ކޮމެޓީއަށް ހުށަހެޅިފައިވާ އެހެން މެންބަރުންގެ މައްސަލަތައް ބަލައި އެ މެންބަރުންނާ ދޭތެރޭ ވެސް ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށެވެ.