13 Oct 2014, 11:00
ފިފާއިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑޯ އެވޯޑާމެދު މާބޮޑަށް ނުވިސްނާކަމަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އެންމެ ފަހުގެ އެވޯޑްވެސް ކާމިޔާބުކުރި ރޮނާލްޑޯ ބުނީ އެވޯޑާ މެދު ވިސްނަން ރޭގަނޑުގެ ނިދި ނަގާލައި ހޭލައި ނުހުންނަ ކަމަށާއި އެއަށްވުރެ މުހިއްމު ކަންތައްތައް އެބަހުރި ކަމަށެވެ.
" އަހަރެން ނުހުންނަން ރޭގަނޑު ހޭލައި އެ އެވޯޑް އަހަރެންނަށް ލިބޭނެތޯ ނުވަތަ ނޫންތޯ އެކަމާމެދު ވިސްނަން. އަހަރެން ކޮންމެ ރެއަކު ނިދަނީ އެކަމާ މެދު ވިސްނަން އޮވެފައެއްވެސް ނޫން،" ދުނިޔޭގެ މޮޅުކުންތެރިޔާ އަށްދޭ އެވޯޑް ދެފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ބުންޏެވެ.
ފީފާގެ އެވޯޑަށް ވާދަކުރާ 23 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ލިސްޓެއް މިމަހު ފަހުކޮޅު ނެރޭއިރު މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިފަހަރުވެސް ބެލޮންޑޯ ކާމިޔާބުކުރުން އެންމެ ގާތީ ޕޯޗުގަލްގެ ތަރިއެވެ. ރޮނާލްޑޯގެ ފަރާތުން ފަހަކަށް އައިސް އާދަޔާ ޚިލާފަށް މޮޅު ކުޅުމެއް ފެންނަމުން ދާއިރު އޭނާ އަންނަނީ ރެއާލް މެޑްރިޑަށް ގިނަ އަދަދަކަށް ގޯލަތައް ކާމިޔާބުކޮށްދެމުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ރަހުމަތްތެރިކަމުގެ މެޗެއްގައި ފްރާންސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަޔަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައެވެ. އެ މެޗުގެ ދެވަނަ ހާފުގައި އޭނާ ބަދަލުކުރިއިރު ޕޯޗުގަލް އަށް ޖެހުނީ 2-1 ން ނަތީޖާ އަކުން ބައްޔަކާ ކުރިމަތިލާށެވެ.
ޔޫރޯ ކޮލިފަޔާސް ގައި އަންގާރަ ދުވަހު ޑެންމާކާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ޓީމުގެ ފަރާތުން ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށާއި މެޗުން ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމާމެދު ޔަގީން ކުރާ ކަމަށެވެ.