13 Oct 2014, 10:41
ފްރާންސްގެ ގިލެސް ސައިމަން ބަލިކޮށް ދުނިޔޭގެ ދެވަނަ އަށް ރޭންކް ކުރެވިފައިވާ ސްވިޒަލޭންޑްގެ ތަރި ރޮޖާ ފެޑެރާ އޭނާގެ ފުރަތަމަ ޝަންހާއީ އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފި އެވެ.
ރޭ ޗައިނާގެ ޝަންހާއީގެ ގިޒްހޯންގް ފޮރެސްޓް ސްޕޯޓްސް އެރީނާގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުން ފެޑެރާ ކުރި ހޯދީ ޓައި ބްރެކް ކުޅެގެން 7-6 އަދި 7-6 ނަތީޖާ އަކުންނެވެ.
އުމުރުން މިހާރު 33 އަހަރު ވެފައިވާ ސްވިޒަލޭންޑްގެ ތަރި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ސީދާ ދެސެޓުން ބަލިކުރުމަށްފަހު އެވެ.
މިއީ ފެޑެރާގެ ޓެނިސް ހަޔާތުގައި އޭނާ ކާމިޔާބުކުރި 23 ވަނަ އޭޓީޕީ 1000 މުބާރާތް ކަން ފާހަގަކޮށްލެވެއެވެ. އެންމެ ގިނަ އޭޓީޕީ މުބާރާތް ކާމިޔާބުކޮށްފައި ވަނީ ސްޕެއިންގެ ރަފޭލް ނަޑާލް އެވެ. ނަޑާލް ވަނީ މިހާތަނަށް 27 މުބާރާތް ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ފެޑެރާ ބުނީ ހަޔާތުގައި ފުރަތަމަ ފަހަރަށް ޝަންހާއީ ތަށި އުފުލާލެވުމުން އުފާވާ ކަމަށާއި މިއަހަރު އެންމެ ބޭނުންވި ކަމަކީ ރަނގަޅު ފިޓްނެސް އެއްގައި ދެމިހުރުން ކަމަށެވެ.
" މިއަހަރު އަހަރެން އެންމެ ބޮޑު އިސްކަމެއް ދިނީ ރަނގަޅު ފިޓްނެސް އެއްގައި ދެމިހުރުމަށް. އަހަރެން ގަބޫލުކުރާ ގޮތުގައި ކާމިޔާބީތައް ހޯދުމުގައި އެއީ ވަރަށް މުހިއްމު ކަމެއް. މިއަހަރު ފެށުނީއްސުރެން ފެށިގެން އަހަރެން ކުރަމުން އައި ބުރަ މަސަތްކަތުގެ ނަތީޖާ މި ފެންނަނީ. " ފެޑެރާ ބުންޏެވެ.
ފައިނަލުން ނާކިޔާބީއާ ކުރިމަތިލި ފްރާންސްގެ ސައިމަން ބުނީ ފެޑެރާ އަކީ އަދިވެސް ކުރިން ހުރިފަދަ ހުނަރާއި ބާރު ހުރި ކުޅުންތެރިއެއް ކަމަށާއި އެހެންނަމަވެސް މިހާރު ފެޑެރާއާ ކުރިމަތިލާން ބިރު ނުގަންނަ ކަމަށެވެ.
" އޭނާ ގައިގަ އަދިވެސް އެ ބާރު އެބަހުރި. އެކަން އޭނަގެ ސާވް ތަކުން ވަރަށް ރަނގަޅަށް ހާމަވާނެ. ކުރިން އަހަރުމެންނަށް ފެނުނު ހުނަރުތައް ފެނުނު. އެކަމަކު މިހާރު އޭނާއާ އެކީ ކުޅެން ބިރެއް ނުގަނޭ. ފެޑެރާ ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމެއް،" ސައިމަން ބުންޏެވެ.
ފެޑެރާ ވަނީ މިއަހަރު މިހާތަނަށް ހަތަރު މުބާރާތެއް ކާމިޔާބުކުރުމުގެ އިތުރުން 2012 ވަނަ އަހަރުގެ ފަހުން މަޝްހޫރު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފައެވެ.
ޝަންޙާއީގައި މި ލިބުނު ކާމިޔާބީއާ ގުޅިގެން އޭޓީޕީ ރޭންކިންގް ގައި ފެޑެރާއަށް ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. އޭނާ ދެވަނަ މަގާމް ކަށަވަރުކުރީ ކުރިން ދެވަނައިގައި އޮތް ނަޑާލް އަށްވުރެ 1500 ޕޮއިންޓް އިތުރަށް ލިބިގެންނެވެ. ރޭންކިންގެ އެންމެ ކުރީގައި އަދިވެސް އޮތީ ނޮވަކް ޖޮކޮވިޗް އެވެ.
ޝަންހާއީ އޯޕަންގެ ފިރިހެން ޑަބަލްސް އިވެންޓް ކާމިޔާބުކުރީ އެމެރިކާގެ ދެބެއިން ކަމަށްވާ މައިކް އަދި ބޮބް ބްރަޔަން އެވެ.