ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރު ކުރީގެ ދަންފަޅިއަށް އެޖެންޑާކޮށްފައިވާ ކަންކަންކޮށް ނިމިފައި ވާތީ ޖަލްސާ މެދުކަނޑާލައިފި އެވެ.

މިއަދު ހެނދުނު ޖަލްސާ 9:00ގައި ފެށުމަށް ފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ މެދުކަނޑާލާފަ އެވެ. ރިޔާސަތުން އިއުލާން ކުރެއްވީ ދެން ޖަލްސާ ފެށޭނީ މިއަދު 1:30ގައި ކަމަށެވެ.

މިއަދުގެ ޖަލްސާގައި ކޮމެޓީ އަށް ފޮނުވަން ހަމަޖެހިފައިވާ ބޭފުޅުންގެ ނަންފުޅުތައް ކޮމެޓީއަށް ފޮނުވުމާ އެކު އޮތީ ކޮމެޓީއަކުން ދިރާސާކޮށް ތަޅުމަށް ފޮނުވާފައިވާ ބިލަކާ ގުޅޭ މައްސަލަ އެވެ.

ޝަރީއަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއްދޭ ގޮތުގައި ސަރުކާރަށް ބޭނުންވާ ބައެއްއެއްޗެހި ނެގުމާ ބެހޭ ގާނޫނު އުވާލައުލުމުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް އިއްވަވައި ދެއްވީ އެ ކޮމެޓީގެ ނައިބު މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.

ކޮމެޓީގެ ރިޕޯޓު އިއްވުމާ އެކު އެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެމްބަރަކު ފުރުސަތަކަށް އެދިވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން އިތުރު މަސައްކަތެއް ނެތުމާ އެކު ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ.

މިއަދު 1:30ގައި އޮންނާނީ ކޮމެޓީން ފާސްކުރި ގޮތަށް އެ ގާނޫނު އުވާލުމާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމެވެ.